ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާ ޑީޕޯޓް ކޮށްލައިފިއެވެ.

އިމިގްރޭޝަނުން ބުނީ، އެކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަހަލަ ކަމަކަށްވާތީ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވާ ބާރުގެ ދަށުން، ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދުވަހަކުވެސް ރާއްޖެ ނާދެވެގޮތަށް ފަތުރުވެރިޔާ ޑީޕޯޓް ކޮށްލާފައިވާކަމަށެވެ.

ވަޒަންތައް ފެނިފައިވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ނަމިބިއާގެ ފަތުރުވެރިއެއްގެ އަތުން ކަމަށާއި، އެމީހާއަކީ 60 އަހަރުގެ ފިރިހެނެއް ކަމަށް މީގެކުރިން ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 10ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:52 ހާއިރުއެވެ. އަދި ޖުލައި 12 ވަނަ ދުވަހު އޭނާގެ ބަންދަށް ތިން ދުވަސް ޖަހައި، އޭރު ދިން މުއްދަތު ހަމަވެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާގެ ބަންދަށް އިތުރު 4 މަސް ދުވަސް ޖަހައިދީފައިވަނީ ޖުލައިމަހުގެ 16 ވަނަ ދުވަހުއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ވަޒަން ފަދަ ތަކެތި އެތެރެކުރުމާއި އާންމުން މިގޮތަށް ވަޒަން ފަދަ ތަކެތި ގެންގުޅުމަކީ ގާނޫނާ ޚިލާފު ކަމެކެވެ.