މިއަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް 63 މިލިއަން ރުފިޔާގެ ފައިދާ ވެއްޖެއެވެ.

އެމްޓީސީސީން އާންމުކުރި ކުއާޓާލީ ރިޕޯޓު ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ އެންމެ 15 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވ ކޮވިޑް-19 ބަލިމަޑުކަމާއެކު އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އެމްޓީސީސީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެގެން ގޮސްފައެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު ލިބުމުގެ ދަތިކަން ދިމާވެ ގިނަ މަސައްކަތްކެއް އޮތީ މެދުކެނޑިފައެވެ. ނަމަވެސް މި އަހަރު އަލުން އާންމު ހާލަތަކަށް ރުޖޫއަ ވަމުން ދިޔުމުގެ މަސައްކަތް ފެށިފައިވާއިރު އެ ކުންފުނީގެ މަސައްކަތްތައް ވެސް އަންނަނީ ހަލުވި މިނެއްގައި ކުރަމުންނެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް 77 މަސައްކަތެއް އެމްޓީސީސީ އާ ހަވާލުކުރެވި އަންނަނީ ހިންގެމުންނެވެ.

އެމްޓީސީސީއަށް އާމްދަނީ އިތުރުވެފައިވަނީ ބިންހިއްކުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގައިގެން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ތަރައްގީގެ މަޝްރޫތައް އަވަސް މިނެއްގައި ކުރިޔަށް ގެންދިޔުން ކަމަށެވެ. އަދި ވީހާވެސް ގިނަ މަސައްކަތްތަކެއް އަވަސް މުއްދަތެއްގައި ނިންމުން ކަމަށެވެ.