ޕްރީ އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިންޑިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީއައިސީ-އިންޑިއާ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާ ދެމެދުއެވެ.

މިއަދު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. ސީބީއައިސީގެ ފަރާތުން ސޮއިކުރެއްވީ ސީބީއައިސީގެ ޗެއާރމަން ޝްރީ އެމް އަޖިތް ކުމާރެވެ.

މިއެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ދެޤައުމުގެ ދެމެދުގައި އެކްސްޕޯޓް ކުރެވޭ މުދަލުގެ މަޢުލޫމާތު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުންކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ޙިއްސާކުރެވޭ މަޢުލޫމާތުގެ ޒަރިއްޔާއިން، ކަސްޓަމްސްގެ އާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ މުޢާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބިގެންދާނެއެވެ.

އަދި މުދަލުގެ ބާވަތާއި ސައްހަ އަގު އެނގި، އެގޮތުގެ މަތިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ "ކޮމާރޝަލް ފުރޯޑް" ދެނެގަތުމަށާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެންމެ ފުރިހަމައަށް ލިބޭނެކަން ޔަޤީންކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްް ކްލިއަރަންސްގެ އިޖުރާއަތުތައް ފުރިހަމަކުރަން ހޭދަވާ ވަގުތު ކުޑަކުރެވި، ވިޔަފާރި އާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ވުމާއެކު އެކްސްޕޯޓް މަސައްކަތް ކުރާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް މިއެއްބަސްވުމުގެ ސަބަބުން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓް (ޓީއެފްއޭ) އަދި ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރުކޭސީ) ގައިވެސް ދޭދޭ ޤައުމުތަކުގެ މެދުގައި އެމްއޯޔޫގެދަށުން ޑޭޓާ ބަދަލުކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ.

ކަސްޓަމްސްއިން ވަނީ މީގެކުރިންވެސް ބައެއް ޤާއުމުތަކާއި އެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.