މި ސަރުކާރު ނުހިގާކަމަށްބުނެ، ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު މިހާރު ނުހިގާ ކަމަށާއި، ސަރުކާރެކޭ ޖަވާބުނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތްކަމަށެވެ.

މިސަރުކާރު އޮތީ ހުއްޓިފައި ކަމަށާއި، އިންވެސްޓްމަންޓެއް ނުގެނެވުނު ކަމަށާއި، މިކަމަށް އޮތް ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް ކަމަށްވެސް މަލީހު ވިދާޅުވެފައި ވެއެވެ.

"އިންސާފުގެ ދަތުރުގެ އޮޑި ކަނޑުފެތި އޮޑީގެ ބައިތައް ރަށްރަށް އެބަލައްގާ. ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް."
މުހައްމަދު މަލީހު ޖަމާލް

މަލީހު މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ހޯމަދުވަހުގެ ރޭ މަލީހު ވަނީ ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންފައެވެ.

މަލީހު ޕީޕީއެމުން ކުރިން ވަކިވެވަޑައިގެންނެވީ މިނިސްޓަރުކަމުން ވަކިކުރެއްވި ހިސާބުންނެވެ. އޭގެފަހުން މަލީހު ދެން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ.

މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަމުން ވަކިކުރެއްވި ދުވަހުން ފެށިގެން، މަލީހު އަންނަނީ ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން މިވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރައީސްއަށް ނުފޫޒުވާ ކަމަށް ތުހުމަތުކުރައްވާ ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނަކާއި ގުޅިގެން މަލީހު ވަނީ، ފާޅުގައި މިސަރުކާރާއި ދެކޮޅުކަން، ވެރިކަން ކުރަމުންދާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމަކީ މިސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުން ކަމަށާއި، މިހާލަތުގައި ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިޚާބެއް ބާއްވައި ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ސަރުކާރެއް އެކުލަވާލުން ކަމަށް ވިދާޅުވެފައެެވެ.