މިމަހު ފަށާ ޓޯކިޔޯ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އާއި ފެތުންތެރިޔާ މުބާލް އައްޒާމް އަށް ދީފިއެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި މުޅިން އަލަށް ދިދަ އުފުލުގެ ފުރުސަތު އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދޭން އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ މިންތީގެ ހަމަހަމަކަމަށް ތާއީދުކުރުމުގެ ގޮތުންނެވެ.

ނަބާ އަދި މުބާލް އާއި ދިދަ ހަވާލު ކޮށްފައިވަނީ ބުރާސްފަތި ދުވަހު ޓޯކިޔޯގައި ހުންނަ އޮލިމްޕިކް އެތްލީޓްސް ވިލެޖުގައި ބޭއްވި ހަފްލާއެއްގައެވެ. މި ދެ އެތްލީޓުންނާއި ދިވެހި ދިދަ ހަވާލު ކޮށްދެއްވީ ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.

ފޮޓޯ:- އެމްއޯސީ

މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާނީ ހަތަރު އެތްލީޓެކެވެ. އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާ ނަބާ އާއި މުބާލްގެ އިތުރުން ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ޖަޕާނަށް ފުރާފައެވެ.

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ ކޮންޓިންޖެންޓް- ފޮޓޯ:- ފަޔާޒް / ސަން އެމްވީ

އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް (މުންތޭ) އެވެ.

އޮފިޝަލުންގެ ގޮތުގައި މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) އެވެ. އޮލިމްޕިކްސްގައި އޮފިޝަލެއްގެ ގޮތުގައި ޕައްޗުއަށް ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިފައިވާއިރު އޭނާ އަކީ ތާރީހުގައިވެސް އޮލިމްޕިކްސްގައި ބެޑްމިންޓަން އިވެންޓުގައި އޮފިޝިއޭޓް ކުރާނެ ދެވަނަ ދިވެއްސަށް ވާނެއެވެ.

މީގެކުރިން މި ޝަރަފު ހޯދާފައިވަނީ 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސް ގައި އަލީ އަބްދުލް ކަރީމް (ޒޯލާ) އެވެ. ޕުޗޫ އަށް މި ފުރުސަތު ދިނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. އޭނާ އަށް މި ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ވުމުންނެވެ.

ހުކުރު ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވާއިރު، މިއީ މިދިޔަ އަހަރުގެ ގޭމްސްއެވެ. މި އަހަރަށް ގޭމްސް ފަސްކުރަން އައިއޯސީން ނިންމީ ކޮވިޑް-19 އާ ގުޅިގެންނެވެ.