ވޭތުވެދިޔަ 2 މަސް ދުވަހުގެތެރޭ އިންޑިއާއިން ބްލެކް ފަސްގަސްގެ 45،000 އަށްވުރެ ގިނަ ކޭސްތައް ފެނިފައިވާ ކަމަށް އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ޖޫނިއަރ ހެލްތު މިނިސްޓަރ ބާރަތީ ޕްރަވިން ޕަވަރް ވިދާޅުވީ، ބަލި ޖެހުނު މީހުންގެ އަދަދުތައް އިތުރުވެގެން ދިޔައިރު، ބްލެކް ފަންގަސްގެ ސަބަބުން މިހާތަނަށް 4،200 މީހުން މަރުވެފައިވާ ކަމަށެވެ.

ބްލެކް ފަންގަސްއަށް ކިޔާ ސައިންޓިފިކް ނަމަކީ "މިއުކޯރމައިކޯސިސް" އެވެ.

މިއީ ދުނިޔޭގައި ވަރަށް ނާދިރު ހާލަތެއްގައި މެނުނީ ފެންނަ ބައްޔަކަށް ކުރިން ވިނަމަވެސް، ކޮވިޑްބައްޔާ ގުޅިގެން ބްލެކް ފަންގަސް އިންޑިއާގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ.

ބްލެކް ފަންގަސްގެ ނުރައްކާތެރިކަން ބޮޑުކަމުން، އެ ބަލިޖެހޭ މީހުންގެ ހަށިގަނޑުގައި ބަލި ސިކުނޑިއަށް ފެތުރުން ހުއްޓުވަން އިންޑިއާގެ ޑޮކްޓަރުންވަނީ ބައެއް ބަލިމީހުންގެ ލޮލާއި، ނޭފަތާއި އަދި ދަތްދޮޅިވެސް ނަގާފައެވެ.

ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިންޑިއާގައި ބްލެކް ފަންގަސްގެ އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހުޅަނގުގެ މަހާރަޝްޓްރާ ސްޓޭޓުން،، އެ ސްޓޭޓުން އެކަނިވެސް 8،348 ކޭސް ފެނިފައިވެއެވެ.

ކޮވިޑްބަލީގެ ކުރިން އިންޑިއާއިން ބްލެކް ފަސްގަސްބަލި ފެނިފައިވަނީ އެވްރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް ވިއްސަކަށް ކޭސްއެވެ.

ބްލެކް ފަސްގަސްޖެހޭ މީހުންގެ ތެރެއިން ހަކުރުގެ މިންވަރު މަތީ މީހުންނާއި، އެޗްއާއިވީ ނުވަތަ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކުރުންފަދަ ކަމެއް ކޮށްފައިވާ މީހެއްނަމަ އެމީހެއްގެ ހާލަތު ވަރަށް ގޯސްވެގެންވެގެންދާ ކަމަށްވެއެވެ.

އިންޑިއާ ސަރުކާރުން އިއްޔެ ހާމަކުރި ލިޔެކިއުންތައް ބުނާގޮތުން، ބްލެކް ފަންގަސް އިންޑިއާގައި ޕީކަށް އަރައިގެން ގޮސްފައިވަނީ މެއިމަހައި ޖޫންމަހުގެ ތެރޭގައެވެ. އެހެން ނަމަވެސް މިހާރު އެބަލި ޖެހޭ މީހުންގެ އަދަދުތައް މަދުވެފައިވާ ކަމަށް ދައްކާފައިވެއެވެ.