އިންޑިއާ ކަނޑުގެ ޖަޒީރާ ކުޑަ ގައުމެއް ކަމަށްވާ މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޮއިލީނާ އަވަހާރަކޮށްލަން ރޭވުމުގެ ކުށުގައި 6 މީހަކު ހައްޔަރު ކޮށްފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ބޭރު ގައުމެއްގެ މީހަކުވެސް ހިމެނެއެވެ.

އުމުރުފުޅުން 44 އަހަރުގެ ރައީސް އެންޑްރީ ރަޖޮއިލީނާ އަވަހާރަކޮށްލަން އުޅޭކަމުގެ މައްސަލަ ފެންމަތިވީ މީގެ މަސްދުވަސް ކުރިންނެވެ.

ތަހްގީގު މިހާރުވެސް ކުރިއަށްދާއިރު، މިކަމުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ތަހްގީގާ ގުޅޭގޮތުން މަޑަގަސްކަރައިގެ އެޓަރނީ ޖެނެރަލް ބަރްތައިން ރަޒަފިއާރިވޯނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހައްޔަރުކުރެވުނު މީހުން، ސިޔާސީ އެތައްބަޔަކު އަވަހާރަކޮށްލަން ޕްލޭނެއް އެކަށައަޅާފައިވާ ކަމަށާއި، އަވަހާރަކޮށްލަން ރާވާފައިވާ މީހުންގެ ތެރޭގައި ރައީސްވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް، ރައީސާއި ސަރުކާރުގެ ވެރިންތަކެއް އަވަހާރަކޮށްލަން ރޭވި ޕްލޭނާއި، އަދި އެކަން ކުރަން އުޅުނު މީހުން ގޮސްފައިވާ ހިސާބާގުޅޭ އިތުރު ތަފްސީލްތަކެއް އޮފިޝަލުން ހާމައެއް ނުކުރައްވައެވެ.

މަޑަގަސްކަރައިގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސް އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ، ބޭރު ގައުމެއްގެ މީހަކާއި، ދެގައުމުގެ ރަށްވެހިކަން އޮންނަ ދެމީހެއްގެ އިތުރުން، މަޑަގަސްކަރައިގެ ތިން ރައްޔިތުން ކަމަށެވެ.

ރައީސާއި، ސަރުކާރުގެ ވެރިންތަކެއް އަވަހާރަކޮށްލަން ރޭވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ ބޭރު މީހާއަކީ ކޮން ގައުމެއްގެ މީހެއްކަމެއް، މަޑަގަސްކަރައިގެ އެޓަރނީ ޖެނެރަލްވެސް އަދި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ފަރަންސޭސި ކުރީގެ ކޮލޮނީއެއް ކަމަށްވާ މަޑަގަސްކަރައަކީ ސިޔާސީ ބޮޑެތި ހަމަނުޖެހުންތަކާއި، ބަޣާވާތުގެ ދިގު ތާރީޚެއް އޮންނަ ގައުމެކެވެ.

މަޑަގަސްކަރައިގެ މިހާރުގެ ރައީސް ރައީސް އެންޑްރީ ރަޖޮއިލީނާ، 2009 ވަނަ އަހަރު އަސްކަރީންގެ އެހީގައި ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ، އޭރު ވެރިކަމުގައި ހުންނެވި މާކް ރަވަލޮމަނާނާގެ ވެރިކަން އިންގިލާބު ކޮށްލުމަށްފަހުއެވެ.

އޭގެފަހުން 2014 ވަނަ އަހަރާ ހަމަށް އޭނާ ހުންނެވީ މަޑަގަސްކަރައިގެ ވަގުތީ ސަރުކާރުގެ ވެރިޔަކަށެވެ.

އެންޑްރީ ރަޖޮއިލީނާ، އެންމެފަހުން ރައީސްކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރު ބޭއްވި ވާދަވެރި ރިޔާސީ އިންތިޚާބަށް ފަހުގައެވެ.

ކުރީގެ ރައީސް މާކް ރަވަލޮމަނާނާއާ ވާދަކުރައްވައި ރިޔާސީ އިންތިޚާބު ކަމިޔާބު ކުރެއްވީ ރައީސް އެންޑްރީ ރަޖޮއިލީނާއެވެ.

ރިޔާސީ އިންތިޚާބުގައި ބޮޑެތި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވިދާޅުވެ މާކް ރަވަލޮމަނާނާ މައްސަލަ ސުޕްރީމް ކޯޓަށްވެސް ވެއްދިއެވެ. ނަމަވެސް، ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެންޑްރީ ރަޖޮއިލީނާ ކަމަށެވެ.