މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ހުރިހާ ހައްޖާޖީން ޠަވާފުން ވަދާއު ނުވަތަ ވަދާއީ ޠަވާފް މިއަދު ފުރިހަމަ ކޮށްފިއެވެ.

ކޮވިޑްބަލި ފެތުރޭން ފެށިފަހުން މިއަދަކީ މަސްޖިދުލް ޙަރަމްގައި ހުންނަ ކަޢުބާ ވަށައި ޠަވާފްކުރަން ޚާއްސަކޮށްފައި އޮންނަ ސަރަހައްދު ނުވަތަ މަތާފްގައި އެންމެ ގިނަބަޔަކު ޠަވާފްކުރި ފުރަތަމަ ދުވަހެވެ.

ހައްޖުގެ އަޅުކަމުގައި ހިމެނޭ ތިން ޖަމްރާއަށް ހިލައުކުން މިއަދު ނިންމުމަށްފަހު ހައްޖުގެ އަޅުކަމުގައި ބައިވެރިވި ފަސްދޮޅަސް ހާހެއްހާ މީހުންވަނީ މިއަދު އިރު އޮއްސުމުގެކުރިން މިނާއިން އެނބުރި މަސްޖިދުލް ޙަރަމަށް އައިސް، އެއްފަހަރާ ޠަވާފުލް ވަދާއު ފުރިހަމަ ކޮށްފައެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން ސައުދީ އަރަބިއްޔާއިން މިއަހަރު ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ ގާތްގަނޑަކަށް 60،000 މީހުންނަށެވެ.

މުޅިއެކު ޖުމްލަ 58،518 މީހުން މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރިއިރު، އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ 25،000 މީހުން ހިމެނެއެވެ. ދެން ހިމެނެނީ ސައުދީ ރައްޔިތުންނެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރި މީހުންގެ ތެރޭގައި 25،702 އަންހެނުން ހިމެނޭއިރު، 32،816 ފިރިހެނުން ހިމެނެއެވެ.

ހައްޖުވެރިން ހައްޖުގެ އަޅުކަން ފުރިހަމަކޮށް ނިމުމާއެކު، ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިންވަނީ މިއަހަރުގެ ހައްޖު ސީޒަންގެ ކާމިޔާބީ އިއުލާން ކޮށްފައެވެ. ހައްޖުގެ އަޅުކަމުގެ ކަންކަން ދިޔައީ ރިޔާސީ ޕްލޭނާ އެއްގޮތަށް ކަމަށްވެސް ވަރަށް ފުރިހަމައަށް ކަމަށްވެސް ބުނެފައި ވެއެވެ.

ޖެނެރަލް ޕްރެޒިޑެންޓް އޮފް ދަ އެފެއަރޒް އޮފް ދަ ހަރަމައިން ޑރ. އަބްދުއްރަހްމާން އަލް ސުދައިސް މިއަދުވަނީ ހަރަމްފުޅުގައި ޠަވާފުލް ވަދާއު ފުރިހަމަ ކުރަމުންދިޔަ ހައްޖާޖީންނާ މަތާފްގައި ބައްދަލު ކުރައްވައި، ހައްޖުގެ ޚިދުމަތްތަކާ ބެހޭގޮތުން ސުވާލު ކުރައްވައި ޚިޔާލު ހޯއްދަވާފައެވެ.

އަނެއްކޮޅުން ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ހެލްތު ޑރ. ތައުފީގް އައްރާބިއާވަނީ، ހައްޖުގެ ހެލްތު ޕްލޭންވެސް ވަރަށް ކާމިޔާބުކަން އިއުލާން ކުރައްވާފައެވެ.

އަދި ހައްޖުގެ އަޅުކަން ނިމިގެންދިޔައީ ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެނި، އަދި އެހެން ބަލިމަޑުކަމެއްވެސް ނުފެނިކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.