ރިސޯޓްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަނީ ގިނަ މުވައްޒަފުން ވެކްސިން ޖެހުމުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކްގެ މެސެޖެއްގައި ވިދާޅުވީ، ޓުއަރިޒަމް ސިނާއަތުގެ 97 އިންސައްތަ މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 80 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ރިސޯޓްތަކުގައި ކޭސްތައް މަދުވަނީ މިސަބަބަށްޓަކައި ކަމަށާއި، މިއީ ޓުއަރިޒަމް ސިނާއަތަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ޖޫން މަހަށްވުރެ ޖުލައިމަހުުގައި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރު ކަމަށާއި، އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށާފައިވާކަންވެސް މަބްރޫކް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ފަތުރުވެރިކަމުގެ ގިނަ އެވޯޑްތަކަށް ރާއްޖެ ނޮމިނޭޓްވެފައިވާކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 575،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 383,584 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު ރާއްޖެއަށް 92,103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީ މަހު ޒިޔާރަތް ކޮށްފައިވަނީ 96,881 ފަތުރުވެރިންނެވެ.

މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، އޭޕްރީލް މަހު ވަނީ 91،200 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އަދި މޭ މަހު 64،613 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު، ޖޫން މަހު 56،166 ފަތުރުވެރިން ޒިޔާރާތްކުރިއެވެ.

އަދި މިމަހުގެ މިހާތަނަށް ވަނީ 65،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ ގެނައުމެވެ.