ރޫސީލާތާއި އިރުމަތީ ޔޫރަޕުން ރާއްޖެއަށް އިތުރު އެއާރލައިންތަކުގެ ދަތުރުތައް ފެށުމުގެ މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންފިއެވެ.

ރޫސީވިލާތުގައި ގާއިމުކޮށްފައިވާ ޓުއަރ އޮޕަރޭޓިންގ ދިވެހި ކުންފުންޏެއް ކަމުގައިވާ ރިޒޯރޓް ލައިފް ހޮލިޑޭސްއާއި ރެޑުވިންގްސް އެއަރލައިން އާއި ގުޅިގެން މޮސްކޯއާއި ރާއްޖެއާއި ދެމެދު ސީދާ ފުލައިޓުތައް ފެށުމުގެގޮތުން ޖުލައި 21 ގައިވަނީ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.

މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޑރ މައުސޫމް ވަނީ، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމާތު، އެ އެއާރލައިން އޮޕްރޭޓުކުރާ ޒިއާޓުއާރސް އަދި މޮސްކޯގެ ޒުކޮވުސްކީ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ސީއީއޯ މރ. ތޯމަސް ވައިސްވިލާއާ ހިއްސާކޮށްފައެވެ.

އެ ބައްދަލުވުމަށްފަހު ޒިއާޓުއަރސް އާއި ރިޒޯރޓުލައިފް ހޮލިޑޭސް އާއި ދެމެދު އެކަމާއި ގުޅޭގޮތުން އެމްއޯޔޫ އެއްގައި ވަނީ ސޮއިކޮށްފައެެވެ.

ރިސޯރޓުލައިފުގެ ފަރާތުން އެމްއޯޔޫގައި ސޮއެ ކުރެއްވީ ސީއީއޯ މުޙައްމަދު ޝާޒު ވަލީދް އެވެ. ޒިއާޓުއާރސްގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ ސީއީއޯއެވެ.

އެމްއޯޔޫގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރަޝީޔާ މާރކެޓުގެ މުހިންމުކަމާއި، ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެއިން އުފަލާއިއެކު މަރުހަބާ ކިޔަމުން ގެންދާނެކަން މިނިސްޓަރ ޑރ. މައުސޫމް ފާހަގަކުރެއްވިއެވެެ.

އަދި ދިވެހިރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ރަޝިޔާގެ ޓްރެވަލް ޓްރޭޑް ޕާރްޓްނަރުން ކުރައްވާ މުހިންމު މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން ޖުލައި 22 ވަނަދުވަހު ރިޒޯރޓުލައިފް އާއި ނޯރޑުވިންޑްސް އެއަރލައިންއާއި އެކު ބޭއްވި މަޝްވަރާތަކުގައިވެސް މިނިސްޓަރ މައުސޫމް ބައިވެރިވެވަޑައިގެން ރާއްޖެއަށް ދަތުރުފެށުމަށް އެއަރލައިންތަކަށް ހުރި ފުރުސަތުތަކަށް އަލިއަޅުވާލެއްވިއެވެ.

ޚާއްސަކޮށް ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދަތުރުތައްފެށުމަކީ ސަރުކާރުން ވަރަށްބޮޑަށް އެދޭ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކުގައި ވިލާ ހޮޓެލްސްގެ ސީއީއޯ އިބްރާޙިމް ސިޔާދު ޤާސިމް އާއި، ވިލާ ހޮޓެލެސްގެ ބިޒްނަސް ޑިވޮލްޕްމަންޓް ޑިރެކްޓަރ މުރާދު ހަސަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުގައި މޮސްކޯގައި ހުންނަ ރިޒޯރޓުލައިފް ހޮލިޑޭސްގެ އޮފީހަށް މިނިސްޓަރ ޒިޔާރަތްކުރައްވާ އެއޮފީސް ބައްލަވާލައްވާ، ސީއީއޯ ވަލީދު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވަމަށް ކުރައްވާ މިންނެތް މަސައްކަތް ފާހަގަކުރައްވާ، ވަލީދުއަށާއި ވަލީދުގެ ޓީމަށް ޝުކުރު އަދާކުރެއްވިއެވެ.

ރޫސީވިލާތާއި އިރުމަތީ ޔޫރަޕުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 23.8 އިންސައްތައަކީ ރޫސީވިލާތުގެ ފަތުރުވެރިންނެވެ.