ކޯލިޝަން ރުއްސަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރެއްވިކަމެއް ބޮޑުކުރާބިއްލޫރި ގަނޑެއް އަޅައިގެންވެސް ނުފެނުނު ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ވެރިކަން ކުރަމުންދާ ކޯލިޝަން ރުހޭހާ ގޮތަކަށް ކަންކަން ކުރާނަމަ އެމްޑީޕީއަށް ދެން ވާނީ ގެއްލުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ރުއްސަން ރައީސުލްޖުމްހޫރިއްޔާ ކުރެއްވިކަމެއް ބޮޑުކުރާބިއްލޫރި ގަނޑެއް އަޅައިގެންވެސް ނުފެނުނު ކަމަށާއި ރައްޔިތުންނަށް ވީ ވައުދު ފުއްދުމަށް މަސައްކަތްކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ.

އަދި ގާނޫނީ އިމުން ބޭރުން މީހުން ހިފާ ހައްޔަރު ނުކުރަނީ ގާނޫނުން ވެރިކަން ދެމެހެއްޓުމަށް ކަމަށްވެސް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މައުލޫމާތުލިބޭ ގޮތުގައި އެމްޑީޕީގެ ގިނަ މެމްބަރުންނާއި، އާންމުން ހިމެނޭ ވަޓްސް އަޕް ގްރޫޕެއްގައި މިދިޔަ ބުދަ ދުވަހު ނަޝީދު ލިޔުއްވި މެސެޖުގައި ވަނީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ދޫކޮށް ވެރިކަން ކުރާ ކޯލިޝަންގެ ސިޔާސަތުގައި ހިފައިގެން ކުރިއަށްދާނަމަ، އެމްޑީޕީއަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށް ވިދާޅުވެފައެވެ.

އަދި މިކަމުގެ ގެއްލުން ކުރިއަށް އޮތް އިންތިޚާބުތަކުގައިވެސް އެމްޑީޕީއަށް ކުރާނެކަމަށާއި ސަރުކާރުން އެމްޑީޕީގެ ސިޔާސަތު ދޫކޮށް އިއްތިހާދުގެ ބައިވެރިން ހިތްހަމަ ޖައްސަން އުޅެފިނަމަ އެއީ ޕާޓީއަށް ވަރަށް ބޮޑު ދެރައެއް ކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ކޯލިޝަނެއްގައި ސަރުކާރު ހިންގާތީ އެކަމުގެ ނުރުހުން އެމްޑީޕީގެ ބައެއް މެމްބަރުން ކުރައްވާއިރު ކޯލިޝަން ދެމިއޮންނާތީ ބައެއް ބޭފުޅުން ހިތްހަމަނުޖެހުނަސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ކޯލިޝަން ޗެމްޕެއިނެއްކަމަށް ޖުމްހޫރީ ޕާޓީންވެސް ދެކެއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަން ރޫޅާނުލާ ކޯލިޝަން ދަމަހައްޓަމުންދާ އެއް ލީޑަރެއްގެ ގޮތުގަ ދިވެހި ތާރީޚުން ފެންނަން ހުރީ ރައީސް ސޯލިހު ކަން ފާހަގަކުރައްވާފައެވެ.