ޔޫރަޕް ފުޓުބޯޅައިގެ ގަދަބާރު ޕީއެސްޖީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އިތުރު އެއްބަސްވުމެއް ހަދަނ ބޭނުން ނުވާކަން އެކުލަބުގެ ޒުވާން ތަރި، ކިލިއަން އެމްބާޕޭ ކުލަބުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް އަންގައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ މިކަން ޕޮޗެޓީނޯ އަށް އަންގާފައިވަނީ ޔޫރޯ 2020 އަށްފަހު ލިބުނު ޗުއްޓީން އެނބުރި އައުމަށްފަހުއެވެ. އެމްބާޕޭ މިހެން ބުނެފައިވަނީ ޗުއްޓީން އެނބުރި އައުމަށްފަހު ހެދި މެޑިކަލް އެގްޒަމިނޭޝަނަށްފަހު ކޯޗާއި ބައްދަލުކޮށެވެ.

އެހެންނަމަވެސް ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުގެ ކުރިން ކުލަބުން އޭނާ ވިއްކާލުމަށް ކުލަބުގެ މެނޭޖްމަންޓަށް ޑިމާންޑު ނުކުރާނެ ކަމަށާއި، ކުލަބު ދޫކޮށްލާނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުން ކަމަށް އެމްބާޕޭ ވަނީ ބުނެފައެވެ. އެއީ ކުލަބާއި ކުލަބުގެ ވެރިންގެ އިތުރުން ސަޕޯޓަރުންނަށް ކުރާ އިހުތިރާމުގެ ސަބަބުންކަމަށް އޭނާ ބުންޏެވެ.

2017 ވަނަ އަހަރު މޮނާކޯ އިން ޕީއެސްޖީ އަށް އެންމެ ފުރަތަމަ ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީގައި އޭނާ އެއް ސީޒަން ހޭދަ ކޮށްފައިވާއިރު މި މުއްދަތުގައި 27 މެޗުން 13 ލަނޑު އޭނާ ވަނީ ކާމިޔާބު ކޮށްދީފައެވެ. އަދި 2018 ވަނަ އަހަރު ޕީއެސްޖީ އާއިއެކު ދާއިމީ އެއްބަސްވުމެއް އެމްބާޕޭ ހަދާފައިވާއިރު ދާއިމީ އެއްބަސްވުމުގެ ދަށުން އޭނާ އެޓީމަށް މިހާތަނަށް ކުޅެދިން 80 މެޗުގައި ވަނީ 78 ލަނޑު އެކުލަބަށް ޖަހާދީފައެވެ.

މިވަގުތު ފުޓުބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ އުންމީދީ އަދި އެންމެ އިތުބާރު ފޯވާޑުގެ ގޮތުގައި ނިސްބަތްކުރެވޭ ފްރާންސްގެ އެމްބާޕޭ ޕީއެސްޖީ އާއިއެކު އެއްބަސްވުން އައު ނުކުރާނެކަން ހާމަކޮށްފައިވާއިރު އޭނާ ހޯދުމަށް ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ޕީއެސްޖީގެ ވެރިޔާ ނާސިރް އަލް ޚިލާފީ އާއި ދެމެދު އޮތް ރަނގަޅު ގުޅުމުގެ ސަބަބުން ޕެރޭޒް އެމްބާޕޭ އަށް ހުށަހެޅުމެއް ހުށަހަޅާނީ ޕީއެސްޖީން ރަސްމީކޮށް އެފުރުސަތު ހުޅުވާލުމުންނެވެ.