ހަރުކަށި ފިކުރާ ގުޅޭގޮތުން ގަބޫލުކުރެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު އެކަނިކަމަށް މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

މެމްބަރ އިމްތިޔާޒް ވިދާޅުވީ، ރައީސް ނަޝީދުއަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، އެކަމާގުޅިގެން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކާއި އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ދެކޮޅު ނުހެއްދެވޭނެ ކަމަށެވެ. އަދި، އެކަމާ ގުޅޭގޮތުން ޕާޓީގެ އެހެން މީހެއްގެ ވާހަކައަށް ބުރަދަނެއް ނުދެވޭނެ ކަމަށާއި، ހަރުކަށި ފިކުރާއި ބޮން ގޮއްވުމުގެ ޝިކާރައަކަށް ވެފައިވަނީ ރައީސް ނަޝިދު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓް އެކުލަވާލި ކޮމެޓީގެ މުޤައްރިރު މުހައްމަދު އަސްލަމް، ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވުމުން އިންތިވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އަސްލަމް ވިދާޅުވެފައިވަނީ، ޕާޓީގެ މައިގަނޑު މަގްސަދަކަށްވާން ޖެހޭނީ، ސަރުކާރު ދެމެހެއްޓުން ކަމަށާއި، ސަބަބަކީ، ސަރުކާރު އެކުލަވާލީ އެމްޑީޕީން ގަބޫލުކުރާ އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރު އޮތްކަމަށް ފާޅުގައި ވާހަކަދައްކަވަން ކެރޭ ހަމައެކަނި ލީޑަރު، ބޮމެއް ގޮއްވާލައި ބޮޑެތި ޒަޚަމްތަކެއް ލިބި އެހާލުގައި އޮންނަވައިގެން މިކަން ހިނގައިދިޔަ ގޮތާއި، ޤައުމު ހަމަމަގަށް އަޅުވަން ދެއްވާ ލަފައާއި ގުޅިގެން އެކަމަށް ފާޑުކިޔައި އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ވާހަކަ ނުދެއްކޭނެކަމަށް މެމްބަރ އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.