ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން، ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަންނަ ވަނުން ހުއްޓާލަންޖެހޭކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިފަދައިން ވިދާޅުވީ ވީނިއުސްރޫމްގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ސައުދު ވިދާޅުވީ، ކޮންމެ ސަރުކާރެއްވެސް އަންނައިރު، ސަރުކާރުގެ ކުންފުނިތަކުން ކުދި ވިޔަފާރިތަކުގެ ތެރެއަށް ނުވަންނާނެކަމަށް ބުނެ ވައުދުވާ ކަމަށާއި އެހެންނަމަވެސް ފެނިގެންދަނީ ތަފާތު މަންޒަރެއް ކަމަށެވެ. ފެނިގެންދަނީ ސަރުކާރުގެ ސިޔާސަތުތައް މިމަގަށް ބަދަލުވެގެންނުދާ މަންޒަރު ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް މިހާރުވެސް ކުދި ވިޔަފާރުތަކުގެ ތެރެއަށް ވަދެގެންދާ މަންޒަރުތައް ފެނިގެންދާ ކަމަށާއި، އެކަންކަން ނުހުއްޓޭނަމަ، ކުދި ވިޔަފާރިތައް އަމިއްލަ ފައިމައްޗަށް ތެދުވާން ފުރުސަތެއް ނުލިބޭނެކަމަށް ސައުދު ވިދާޅުވިއެވެ.

"މިސާލަކަށް ކީއްކުރަންތޯ އެސްޓީއޯއިން ލޮނުމެދާއި ޕާޕަރު ގެންނަންވީ؟ ގެނެއްސަ އެތާ ކޯނާއެއް ހަދާފަ އެއްކަލަ ކުޑަކުޑަ އެއްމެ މަސައްކަތު މީހަކު ބޭނުންކޮށްގެން، ތިރީހަކަށް ހާސް ރުފިޔާގެ ވިޔަފާރުކުރާ މިހާއަށް ހުރަސްއަޅަން އެތާގަ، އޭނަ ގެންނަ މުދާ އެސްޓީއޯއިން ވިއްކަން ފަށައިފިއްޔާ ކިހިނެއްތޯ މިބުނާ ވިޔަފާރިވެރިޔާ ކޮޅަށް ހުންނާނީ؟ އެހިސާބުން އޭނަ ހަލާކުވެގެން ނޫންތޯ ދާނީ. އެހެންވީމަ އެސްޓީއޯކަހަލަ ބޮޑެތި ކުންފުނިތަކުން ކުރަން ޖެހޭނީ ބޮޑެތި އިންވެސްޓްމެންޓް"
މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދުﷲ އަހުމަދު

ސަރުކާރުގެ ކުންފުނިތަކުން، ރައްޔިތުން ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާކުރުވާގޮތަށް މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެންނަކަމަށް ސައުދު ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ.

ސައުދު ވިދާޅުވީ، ގައުމަކަށް ދެވޭނެ އެނެމް ބޮޑު އެއް އަނިޔާއަކީ، ހުރިހާ ރައްޔިތުންނަކީ ސަރުކާރަށް ބަރޯސާވާ، ސަރުކާރުގެ ވަޒީފާއެއް ނުލިބޭނަމަ ކާންނުލިބޭނެއޭ ބުނާފަދަ ވިސްނުން ރައްޔިތުންނަށް ވިސްނައިދިނުން ކަމަށެވެ.

ރާއްޖޭގެ އިގްދިސާދު މިހާރު އޮތީ ހީނުކުރާފަދަ އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވަ ސައުދު ވިދާޅުވީ، މިކަމުން އަރައިގަތުމަށް، ސަރުކާރުގެ ކެޕޭސިޓީއާއި، ގާބިލިއްޔަތާއި، ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކުން މަސައްކަތްތަކެއް ކުރާކަމަށެެވެ.

އެހެންނަމަވެސް، މި ދެއަހަރަކީ ކުޑަ މުއްދަތެއް ނޫންކަމަށާއި އާމްދަނީ ލިބޭނެ އިތުރު އެއްވެސް ގޮތެއް ނެތި މިހެން ތިބޭތާ ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ސައުދު ފާހަގަކުރެއްވިއެވެ.

ސައުދު ވިދާޅުވީ، އިގްތިސާދެއްގެ މައި ތަނބަކަށް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކަމަށާއި، އިގްތިސާދެއް ކުރިއަރައިގެންދާނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައިގެން ކަމަށެވެ. އެހެންނަމަވެސް މިކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް ސައުދު ވިދާޅުވިއެވެ.

އެގޮތުން ބާޒާރުމަތީގަޔާއި، ގެސްޓްހައުސްތަކުގައި ވިޔަފާރުކުރާ ފަރާތްތަކުގެ ތެރެއަށް ބިދޭސީން އިންތިހާއަށް ވަންނަމުންދާކަން ސައުދު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށާއި، ވިޔަފާރިވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއްކަމަށް ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ ބޮޑެތި އިންވެސްޓްމެންޓްކޮށްގެން، ނުވަތަ އިންވެންސްޓަރުން އައިސްގެން ދައްކާ ވާހަކައެއް ނޫން. މިދައްކަނީ މިސާލަކަށް ކަންމަތީ ފިހާރަކަތަކަށް ބެލިއަސް، ބަނގްލަދޭޝް ނުވަތަ އިންޑިއާ ނުވަތަ އެހެން ކޮންމެސް ގައުމެއްގެ މީހަކު އެވިޔަފާރުކުރާތަން އަޅުގަނޑުމެންނަށް އެބަފެނޭ. ބާޒާރުމަތީގައި ފިޔާ އަލުވި ބިސް، ތަރުކާރީ ގެނެސްގެން ވިޔަފާރުކުރަނީ އެހެން ކޮންމެސް ގައުމެއްގެ މީހުންކަން އަޅުގަނޑުމެންނަށް އެބަ އިނގޭ. މީގެ ސަބަބުން ހަގީގަތުގައި ދައުލަތަށްވެސް ގެއްލުންވެގެންދާނީ. ބަރާބަރަށް ޓެކްސް ނިޒާމު މުއާމަލާތެއް ނުކުރާނެ. އަޅުގަނޑަށް ހަމަ ޔަގީން އެ ބެލެހެއްޓޭ ނިޒާމެއްވެސް ނީންނާނެ."
މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދުﷲ އަހުމަދު

ސައުދު ވިދާޅުވީ، މިކަމަކީ ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އޮތް ވަރަށް ބޮޑު ހުރަހަކާއި، ކަންބޮޑުވުމެއް ކަމަށެވެ. މިކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވެ، ދައުލަތުގެ ޓެކްސްގެ ނިޒާމަށްވެސް އިތުރު ގެއްލުންތަކެއް ވާނެކަމަށެވެ.

ސައުދު ވިދާޅުވީ، މިމައްސަލައަށް ސަރުކާރުން ހައްލެއް ހޯދަން ޖެހޭކަމަށެވެ. މިފަދަ ކަންކަން ރެގިއުލޭޓްކުރާ ފަރާތްތަކުން، ގަވައިދުތަކާއި އިމުގެ ތެރެއިން މިކަން ކުރާނަމަ މިހިސާބަށް އަންނަނާކަށް ނުޖެހޭނެ ކަމަށެވެ.

ވިޔަފާރިތައް ހިންގުމަށް ބިދޭސީން އިސްވުމުން، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިނަރާނެކަން ސައުދު ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.