އިންޑޮނޭޝިއާ މާކެޓްގައި ދިވެހިރާއްޖޭގެ މަގްބޫލުކަން އިތުރުކޮށް، ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ލެވްރޭޓް މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

ލެވްރޭޓްއަކީ ޕްރޮމޯޝަނަށް ހާއްސަ މީޑިއާއެެކެވެ.

އެއްމަސް ދުވަހަށް ކުރިއަށްގެންދާ މިކެމްޕެއިންގައި ގޫގްލް އަދި ޔޫޓިއުބް އެޑްސް މެދުވެރިކޮށް ދިވެހިރާއްޖެ އިޝްތިހާރު ކުރެވިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕޭންގައި ދިވެހިރާއްޖޭގެ ޓުއަރިޒަމް ޕްރޮޑަކްޓްސް ކަމުގައިވާ ރިސޯޓްތަކާއި، ގެސްޓްހައުސް، ލިވަބޯޑްސް އަދި ހޮޓެލްތަކުން ލިބޭ ހާއްސަ ތަޖުރިބާތައް ގޫގްލް ޑިސްކަވަރީ މެދިވެރިކޮށް ގޫގްލް އެޕްގެ އެޑްސްގެ ޒަރީއްޔާއިން އިޝްތިހާރު ކުރެވޭނެއެވެ.

ދެ މިލިއަނަށްވުރެ ގިނަ ވެބްސައިޓް އަދި ވީޑިއޯ ހިމެނޭ ގޫގުލް ޑިސްޕްލޭ ނެޓްވޯކްގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ހިމެނޭނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިސަރަހައްދުން އިތުރު ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ފެށުމުން ފަތުރުވެރިން ޒިޔާރަތްކުރުންވަނީ އިތުރުވެފައެވެ.

2019 ވަނަ އަހަރު މިސަރަހައްދުން 87،636 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ބޯޑަރުތައް އަލުން ހުޅުވުމާއެކު ރާއްޖެއަކީ މިސަރަހައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލަށް ހެދުމަށްޓަކައި ތަފާތު މާކެޓިން ހަރަކާތްތަކެއް ވިޒިޓް މޯލްޑިވްސްއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

ވިޒިޓް މޯލްޑިވްސްއިން ވަނީ ޓްރެވެލް މީޓް އޭޝިޔާ-ސައުތު އީސްޓް އޭޝިޔާ, ޓްރެވެލް މީޓް އޭޝިޔާ -ޕަރެޓް, އަންތަވަޔަ ވަރޗުއަލް ޓްރެވެލް ފެއަރ, އައިއެމްއެމް އޭޝިޔާ ވަރޗުއަލް އަދި ސިންގަޕޫރު ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި މައިސް އެންޑް ކޯނާޓާސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ ރާއްޖެއަށް ހާއްސަ ވެބިނާ ގައި ބައިވެރިވެފައެވެ.

މީގެއިތުރުން ޓްރެވެލް ޕްލަސް ލެޝާ, ޓްރިޕްޒިލާ އަދި ހޭވް ހަލާލް ވިލް ޓްރެވެލްއާ ގުޅިގެން މުސްލިމް ފަތުރުވެރިންނަށް އަމާޒުކޮށް ކެމްޕެއިނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.