ފްރާންސް ފުޓުބޯޅައިގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއިއެކު އެކުލަބުގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެގޮތުން އައު އެއްބަސްވުމުގެ ދަށުން އެކުލަބަށް 2023 ވަނަ އަހަރާއި ހަމައަށް ޕޮޗެޓީނޯ އިރުޝާދު ދޭނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ޕިއެސްޖީގެ ކޯޗުކަމާއި އެންމެ ފުރަތަމަ ޕޮޗެޓީނޯ ހަވާލުވީ ޓްރަޔަލް އެއްގެ ދަށުން 18 މަސް ދުވަހުގެ އިނީޝަލް އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް ޕީއެސްޖީ އާއިއެކު އޭނާ ހޭދަކުރި 7 މަސް ދުވަހުގެ ތެރޭގައި އޭނާއަށްވެސް އަދި ކުލަބުގެ ވެރިންނަށްވެސް ގިނަ ކަންތައް ތަކަކާއި އެއްބަސްވެވުމުގެ ސަބަބުން މިހާރު ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައެވެ.

ޕީއެސްޖީގެ ކޯޗުކަމާއި ޕޮޗެޓީނޯ ހަވާލުވިފަހުން އޭނާގެ އެދުމުގެ މަތިން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވަނީ ގިނަ ކުޅުންތެރިންތަކެއް އަލަށް ކުލަބަށް ގެނެސްފައެވެ. އެގޮތުން ތަޖުރިބާކާރު ޑިފެންޑަރު އަދި ރެއާލް މެޑްރިޑާއި އާއި ސްޕެއިންގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ އިތުރުން ޔޫރަޕުގެ އެންމެ މޮޅު ކީޕަރު، ޖިއާންލުއިޖީ ޑޮންނަރުއްމާ އާއި ޒުވާން ޑިފެންޑަރު އަޝްރަފް ހަކީމީ އަދި މިޑްފީލްޑަރު ވައިނާލްޑަމްގެ ސޮއެ ޕީއެސްޖީން ވަނީ ހޯދާފައެވެ.

މި ކުޅުންތެރިންނާއިއެކު ކުރިއަށް އޮތް 2021/2022 ވަނަ ސީޒަނުގައި ޕީއެސްޖީ ވެގެންދާނީ ޔޫރަޕު ފުޓުބޯޅައިގައި ކުރިއަށްވުރެވެސް ވަރުގަދަ އަދި ބަލިކުރަން އުނދަގޫވާނެ ފުޓުބޯޅައިގެ ގަދަ ބާރަކަށެވެ.