އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް މޮޑަނާގެ ކޮވިޑްވެކްސިން ދިނުމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ރެކޮމެންޑް ކޮށްފިއެވެ.

މިއީ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް މޮޑަނާގެ ވެކްސިން ދިނުމަށް ހުއްދަ ދެވުނު ފުރަތަމަ ފަހަރެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުނެފައިވަނީ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ 3،700 ކުދިން ބޭނުންކޮށްގެން ހެދި ދިރާސާގެ ނަތީޖާ ރަނގަޅު ކަމަށެވެ.

އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެކޭ އެއްފަދައިން، މޮޑަނާގެ ވެކްސިން ޖެހުމުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުގެ ކުދިންގެ ހަށިގަނޑުގައި ދާދި އެއް މިންވަރަކަށް އެންޓިބޮޑީ އުފެދޭކަމަށް ދިރާސާއިން ދައްކާފައިވާ ކަމަށް އީއެމްއޭއިން ބުނެފައި ވެއެވެ.

މޮޑަނާގެ ކޮވިޑް ވެކްސިނަށް ޔޫރަޕްގައި ކިޔާ ނަމަކީ ސްޕައިކްވެކްސްއެވެ.

މި ވެކްސިން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ދިމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ރެކޮމެންޑް ކުރިނަމަވެސް، މި ވެކްސިން ކުޑަކުދިންނަށް ދޭން ފެށޭނީ ޔޫރަޕިއަން ކޮމިޝަނުން ހުއްދަ ދިނުމުންނެވެ.

އެހެން ނަމަވެސް، ޔޫރަޕިއަން ކޮމިޝަނުން އާންމުގޮތެއްގައި އަމަލުކުރަނީ އީއެމްއޭގެ ރެކޮމެންޑާޝަނާ އެއްގޮތަށެވެ.

އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް މިވަގުތު ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ވެކްސިނަކީ ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިނެވެ. މި ވެކްސިން އީޔޫގެ އިތުރުން އުތުރު އެމެރިކާގައިވެސް ކުޑަކުދިންނަށް ޖަހަމުން ގެންދެއެވެ.

މޮޑަނާ ކުންފުނިން މެއިމަހު ބުނެފައިވަނީ، އެ ކުންފުނީގެ ކޮވިޑް ވެކްސިނަކީ ފުރާވަރުގެ އުމުރުގެ ކުދިންނަށް ރައްކާތެރި އަދި ބަލިން ދިފާއުކޮށްދޭ ވެކްސިނެއް ކަމަށެވެ.

ކޮވިޑްބަލި ފެތުރުން ހުއްޓުވުމަށް، ޚާއްސަކޮށް މުޅި ދުނިޔޭގައ މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓުން ކުޑަކުދިން ރައްކާތެރިކުރުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއްގެގޮތުގައި ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރެއެވެ.

އެހެން ނަމަވެސް، މިހާތަނަށް ކޮވިޑް ޖެހުނު ކުޑަކުދިންގެ ކިބައިން ފެނިފައިވަނީ ބަލީގެ ވަރަށް ކުދި އަލާމާތްތަކެއް ކަމަށާއި، ގިނަ ކުދިންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެންނަކަންވެސް ފާހަގަކޮށްފައި ވެއެވެ.