އަންނަ އޮގަސްޓު މަހުގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކުރިމަތިލުން ފެނިގެންދިޔުމުގެ ފުރުސަތު ބޮޑު މެޗެއް ތާވަލުކޮށްފިއެވެ.

އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އެކުވެރި ކަމުގެ މެޗެއްގައި ރޮނާލްޑޯ ކުޅެމުންދާ އިޓަލީގެ ޔުވެންޓަސް އާއި މެސީގެ މުޅި ކެރިއަރު އެކުލަބެއްގައި ހޭދަކުރި ސްޕެއިންގެ ބާސެލޯނާގެ ކުރިމަތިލުން ފެނިގެންދާނެ މެޗެއް ވަނީ ތާވަލުކޮށްފައެވެ.

މި މެޗަކީ ކޮންމެ ސީޒަނެއްވެސް ފެށުމުގެ ކުރިން އަހަރަކު އެއްފަހަރު ބާސާއިން ކުޅޭ ހުއާން ގޭމްޕަރ ޓްރޮފީ މެޗެވެ. ބާސާގެ ކޭމްޕް ނޮއު ސްޓޭޑިއަމުގައި ކުޅެވޭ މިމެޗަކީ ކުލަބުގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި، ކުޅުންތެރިއެއްގެ ގޮތުގައި އަދި ފަހުން ކުލަބުގެ ރައީސްގެ މަގާމުވެސް އަދާކުރި ހުއާން ގޭމްޕާގެ ޝަރަފުގައި ކުޅޭ މެޗެކެވެ.

މެޗުގައި ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުން ފެނުމުގެ ފުރުސަތު ބޮޑުނަމަވެސް މިކަން ނުވާން އޮތް ހަމައެކަނި ހުރަހަކީ މެސީ މިވަގުތު ބާސާ އާއި ރަސްމީކޮށް އައު އެއްބަސްވުމެއްގައި ސޮއެ ކޮށްފައި ނުވާތީއެވެ. އެހެންނަމަވެސް ކުރއިަސް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއެ ކުރާނެކަމަށް ރިޕޯޓަތައް ބުނެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރާނެ މިމެޗު އޮގަސްޓު މަހު ކުޅޭއިރު މި ދެ ކުޅުންތެރިންގެ ކުރިމަތިލުމެއް އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗެމްޕިއަންސް ލީގުގެ މެޗެއްގައެވެ. އަދި ދެ ކުޅުންތެރިންވެސް ކެރިއަރުގެ ފަހު އަހަރުތައް ގުނަމުންދާއިރު މި ފުރުސަތު ދެން ފެނުމުގެ އޮތީ މަދު ފުރުސަތު ތަކެކެވެ.