އދގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރް އާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރަށް މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށްދޭ ހިލޭ އެހީ އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

އެގޮތުން މިނިސްޓްރީން ބުނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށްދޭ އެހީ އިތުރުކޮށް، އެކަމާގުޅޭ އެއްބަސްވުން އައުކޮށްފައިވާ ކަމަށެވެ.

އެހީ އިތުރުކޮށް، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އައުކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރެވެ.

މުޖްތަމައަށް އޭގެ ބޮޑު ފައިދާއެއް ކުރާގޮތަށް ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާއެވެ.

އެމްއޯޔޫގައި ސޮއިކުރުމާއެކު މި އަދަދު 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވާނެއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެމް.އޯ.ޔޫގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 17 މާޗް 2019 ގައެވެ.

މި ޕްރޮޖެކްޓްތަކުގެ ބޭނުމަކީ މުޖްތަމައަށް އޭގެއިން އިގްތިސާދީ އަދި އިޖްތިމާއީ ހެޔޮ އަސަރުތަކެއް ކުރުވާނެ މަޝްރޫއުތަކެއް ހިންގުމެވެ.

މިމަޝްރޫއުތައް ހިންގަނީ މަޝްރޫއު ހަވާލުކުރެވޭ އިދާރާގެ ބެލުމުގެ ދަށުންނެވެ.