ކުރިއަށް އޮތް އޭއެފްސީ ކަޕަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޓްރެއިނިންގ ކޭމްޕަކަށް ސައުދީ އަރަބިއްޔާ އަށް ފުރުމަށް އެއާޕޯޓަށް ގޮސްފިއެވެ، މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީމުން ސައުދީ އަށް ފުރާނީ މިރޭގެ ވަގުތެއްގައެވެ.

އެއާޕޯޓަށް ދިއުމަށްޓަކައި މާޒިޔާ ޓީމުން ފުރާފައިވަނީ ގްރޭޓަރ މާލޭ ބަސް ޓާމިނަލް އިންނެވެ. ޓީމަށް އަލްވަދާއު ކިޔުމަށްޓަކައި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ)ގެ އިތުރުން އެފްއޭއެމްގެ ގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) ވަނީ ޓާމިނަލް ސަރަހައްދަށް ވަޑައިގެންފައެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއި އެފްއޭއެމްގެ ބައެއް ވެރިން- ފޮޓޯ:- އައްފާން މުހައްމަދު / ވީނިއުސް

އޭއެފްސީ ކަޕުގެ ސައުތު އޭޝިއާ ގްރޫޕް ޑީގެ މެޗުތައް ހޯސްޓު ކުރުމަށް ރާއްޖެއިން ބިޑު ކާމިޔާބު ކޮށްފައިވާއިރު، މާޒިޔާ އިންވަނީ މި ގުރޫޕުގެ ޖާގައެއް ހޯދާފައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ވަނީ މިމަހުގެ 10 ވަނަ ދުވަހު ފަރިތަކުރުންތައް ފަށާފައެވެ.

މުބާރާތަށް ތައްޔާރުވުމަށްޓަކައި މާޒިޔާއިން ސައުދީ އަށް ފުރާފައިވާއިރު މި ފުރުސަތަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކުލަބަށް ހޯދައިދިން ފުރުސަތެކެވެ. ކޭމްޕަށްފަހު މާޒިޔާ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.

ކްލަބް ލެވެލްގައި ސަރައްދީ ބޮޑު މުބާރާތަކާއި ކުރިމަތިލުމަށް މާޒިޔާއިން ޓްރެއިނިންގ ކޭމްޕެއް ކުރިނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޭމްޕުގެ ތެރެއިން މެޗެއް ކުޅުމަށް އަދި ރާވާފައެއް ނުވެއެވެ.

މީގެއިތުރުން ޓީމު ވަރުގަދަ ކުރުމަށްޓަކައި މާޒިޔާ އިން ވަނީ ފާއިތުވީ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ގޯލު ބެލެހެއްޓި އުޒްބެކިސްތާނުގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފްގެ ސޮއި ހޯދާފައެވެ.

އޭއެފްސީން މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ނިންމިއިރު ގްރޫޕް ޑީގެ މެޗުތައް ކުޅޭނީ ތިން މެޗް ޑޭ އަކަށް ބަހާލައިގެން އޮގަސްޓު މަހުގެ 16، 21، 24، މި ތިން ދުވަހުއެވެ. އަދި މި މެޗުތައް ނިމޭއިރު ގްރޫޕުގެ އެއްވަނައިގައި އޮންނަ ޓީމެއް މުބާރާތުގެ ސިންގަލް ލެގް އިންޓަރ ޒޯން ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.

މާޒިޔާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވާއިރު ރާއްޖޭގެ ކްލަބް އީގަލްސް އަށްވެސް މި ގުރޫޕުގެ ފަހު ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ ޕްލޭ އޮފް މެޗުގައި އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބެންގަލޫރު އެފްސީގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުވެސް ކުޅޭނީ ރާއްޖޭގައެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ބަޝުންދަރާ ކިންގްސް އާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި 21 ވަނަ ދުވަހު މޯހަން ބަގާން އާއި ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮގަސްޓު 24 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.