އަޟްލާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ޖަމިއްޔަތުލް ސަލަފް އިން ކުރިއަށް ގެންދިޔަ ޓޭބަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން، އަލީ ރަމީޒް ހޯދައިފިއެވެ.
ސަލަފް ޢީދު އުފާ ޓީޓީ ޓޯނަމެންޓް 1442 ގެ ނަމުގައި ކުރިއަށްގެންދިޔަ މި މުބާރާތް ބާއްވާފައިވަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. މި މުބާރާތުގައި ޖުމްލަ 12 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ތިން ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ކުޅުންތެރިން ހިމެނޭހެން މުބާރާތް ކުރިއަށް ގެންދިޔައިރު ގްރޫޕް ސްޓޭޖުގައި ހުރިހާ ކުޅުންތެރިންވެސް ކޮންމެ ކުޅުންތެރިޔަކު ވަނީ ތިން މެޗު ކުޅެފައެވެ. އަދި ގްރޫޕް ސްޓޭޖު ނިމުނުއިރު ކޮންމެ ގުރޫޕަކުން ދެ ކުޅުންތެރިއަކު ކުއާޓަރ ފައިނަލްގައި ކުޅުނުއިރު މިބުރުގައިވެސް ޖުމްލަ 6 ކުޅުންތެރިން ވަނީ ދެބަޔަކަށް ބަހާލާފައެވެ.
ކުއާޓަރ ގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު 4 ކުޅުންތެރިޔަކު ސެމީ ފައިނަލަށް ދަތުރުކުރިއިރު ސެމީ ފައިނަލް ކުޅުނީ ނޮކް އައުޓް އުސޫލުންނެވެ. އަދި ފައިނަލް މެޗުގައި ކުޅެފައިވަނީ ސެމީގެ ދެމެޗުން ކުރިހޯދި ދެ ކުޅުންތެރިންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން އަލީ ރަމީޒް ހޯދީ ފައިނަލް މެޗުގައި ޝެއިޚް އިބްރާހިމް މުހައްމަދުގެ މައްޗަށް ސީދާދެ ސެޓުން ކުރިހޯދައިގެންނެވެ. އެގޮތުން މެޗުގެ ސެޓުތައް އަލީ ރަމީޒް ކާމިޔާބުކުރީ 11-21 އަދި 18-21 އިންނެވެ. މި މުބާރާތް އަލީ ރަމީޒް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންކަން ފާހަގަ ކޮށްލެވެއެވެ. އަލީ ރަމީޒް އަކީ ޖަމިއްޔަތުލް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރެވެ.
ވީނިއުސް އާއި ވާހަކަދައްކަވަމުން މުބާރާތް ވިލަރެސް ކުރެއްވި ފަރާތް ނުވަތަ އިވެންޓް ކޯޑިނޭޓަރ ޝެއިޚް މުޖްތަބާ ހަމީދު ވިދާޅުވީ މިއީ މި މުބާރާތް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށާއި އެހެންނަމަވެސް މާތް ﷲ ގެ އިރާދަފުޅުން ކުރިއަށް ހުރި ޢީދު ތަކުގައި މިފަދަ އިވެންޓުތައް ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ޝެއިޚް މުޖްތަބާ ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު ދެ މަގްސަދެއް އެބައޮތް ކަމަށެވެ.
ޝެއިޚް މުޖްތަބާ އިތުރަށް ވިދާޅުވީ ޢީދު ފާހަގަކުރާއިރު ކޮންމެހެން އިސްލާމީ އުސޫލުތަކާއި ޚިލާފަށް، މިއުޒިކު ޖަހާ ދެޖިންސު މަސްހުނި ވާގޮތަށް ނޫނަސް އީދު ފާހަގަ ކުރެވޭނެ ކަމަށެވެ.
ޖަމިއްޔާގެ މެމްބަރުންނާއި އެހީތެރިވެދޭ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ބައެއް ޝެއިހުން ވެސް ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ކުޅުންތެރިޔާއަށް ވަނީ ޖަމިއްޔާގެ ފަރާތުން ޓްރޮފީ ހަވާލު ކޮށްފައެވެ.
ޝެއިޚް މުޖްތަބާ ވިދާޅުވީ މިފަހަރު ހަމައެކަނި އެއްވަނަ ދެވަނަ އަށް ޓްރޮފީއެއް ދިނުމަށްފަހު މުބާރާތް ނިންމާލިނަމަވެސް މާތް ﷲ ގެ އިރާދަފުޅުން ކުރިއަށް ހުރި މުބާރާތް ތަކުގައި ސްޕޮންސަރުންގެވެސް އެހީތެރިކަމާއިއެކު އަގުހުރި އިތުރު އިނާމުތަކެއް ދެވޭނެ ކަމަށެވެ.