ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެއި 6 ވަަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތު ފުލުހުން ހާމަކުރެއްވުމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށާއި ގިނަ ގޮންޖެހުންތަކާ އެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާ އެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަ ކަމަށެވެ.

އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާ ކަމަށްވާއިރު ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބު ކަމާއެކު މި މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ޕީޖީ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މީހުންގެ މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ޕީޖީ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރ ދެއްވިއިރު އެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 4 މީހެެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފުލުހުން ވަނީ ފޮނުވާފައެވެ.

ފުލުހުން ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ތަހުގީގު އެންމެ ފަހުގެ މައުލޫމާތު ފުލުހުން ދެއްވާފަވާއިރު ހަމަލާގެ މޯޓިވްއެއްގެ ގޮތުގައި މާލީ މަންފާއަކަށްވުރެ ބޮޑަށް ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި މަރާލަން ޖެހޭ މީހެއްގެ ގޮތުގައި އަމިއްލައަށް ކަނޑައަޅައި ލޭ ހުއްދަކޮށްގެން ހިންގި އަމަލެއްގެ ގޮތުގައި ތަހުގީގަށް ފާހަގަވެފައި ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.