ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުން ޔަގީންވި އެއްކަމަކީ ސަރުކާރުން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓަރ މިހެން ވިދާޅުވެފައިމިވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގޫގުގެ އެންމެ ފަހުގެ މައުލޫމާތު ފުލުހުން އާންމު ކުރުމާއި ގުޅިގެން ގިނަ ބަޔަކު އެ ތަހުގީގު ފުލުހުން ކުރިއަށްގެންދިޔަ ގޮތާއި މެދު ތައުރީފް ކުރަމުންދާ ވަގުތެއްގައެވެ.
މިނިސްޓަރ މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މެއި 6 ގެ ހަމަލާގެ ތަހުގީގަކީ ފުލުހުންގެ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއް ކަމަށާއި ޔަގީންވި އެއްކަމަކީ ސަރުކާރުން އަދި ރައީސް ސާލިހު މިމައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން ކަމަށެވެ.
އަދި އަނިޔާވެރި ހަރުކަށިފިކުރު ނައްތާލަންޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ އެކަން ކުރަންވާނީ ސިޔާސީ ޕާޓީ ތަކާއި ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާއެކު ކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރަށް މި ތަހުގީގާއި ގުޅޭގޮތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ތައުރީފު ކުރައްވާފައެވެ.
އެގޮތުން މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުގައި ފުލުހުން ހޯދަމުން ގެންދަވާ ކުރިއެރިއެރުން ތަކަށް ތައުރީފު ކުރަައްވާ ކަމަށެވެ.
އަދި މި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލު ވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން އިންކުއަރީ ކުރިއަށް ގެންދިޔައީ މެމްބަރު އަސްލަމް އިސްވެ ހުންނަވައިގެންނެވެ.
ހަމަލާގެ ތަހުގީގު ލަސް ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އާންމުން ސޯޝަލް މީޑިއާގައި ބުނަމުންދިޔަ ނަމަވެސް އޭރުވެސް އަސްލަމް ވަނީ ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ބާރަށް ކަމަށާއި ފުލުހުންގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.