ޓޯކިޔޯ އޮލިމްޕިކްސް 2020 ގައި ރާއްޖޭގެ ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަބްދުލްރައްޒާގް (ނަބާ) ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް އޮލިމްޕިކްސްގައި އޭނާގެ ފުރަތަމަ މެޗުން ބޮޑު ތަޖުރިބާއެއް ހާސިލް ކޮށްފިއެވެ.

ރާއްޖެއިން ބެޑްމިންޓަން އިވެންޓުގައި ވާދަކުރި ފުރަތަމަ އަންހެން އެތްލީޓުގެ ޝަރަފާއެކު ނަބާ ފުރަތަމަ މެޗުގައި ވާދަކުރީ ދުނިޔޭގެ ބެޑްމިންޓަން ރޭންކިންގެ 9 ވަނައިގައި އޮތް ޗައިނާގެ ވަރުގަދަ ހީ ބިންގްޖިއާއޯ އަތުންނެވެ.

20 މިނެޓުން ނިމުނު މި މެޗުން ނަބާ ވަނީ ކުޅުނު ދެ ސެޓުންވެސް ބަލިވެފައެވެ. އެހެންނަމަވެސް އުމުރުން އެންމެ 22 އަހަރުގެ އުންމީދީ އެތްލީޓު ވަނީ މެޗުގައި އޭނާގެ ހުނަރު ވަރަށް ރަނގަޅަށް ދައްކާ ޕޮއިންޓުތަކެއް ހޯދާފައެވެ. ހާއްސަކޮށް ދުނިޔޭގެ ރޭންކިންގެ ޓޮޕް 10 ގައި ހިމެނޭ ކުޅުންތެރިއެއްގެ އަތުން ނަބާހާ މުހިންމު ޕޮއިންޓުތަކެއް ހޯދިކަން އެއީ ނަބާގެ ކުރިމަގު އުޖާލާ ކަމުގެ ހެއްކެކެވެ.

މެޗުގެ ސެޓުތައް ހީ ގެންދިޔައީ 21-06، 21-03 އިންނެވެ. މެޗުގައި ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ ދެ ސެޓުގައިވެސް ހީ ކާމިޔާބުކުރި ޕޮއިންޓު ތަކަކީ ނަބާއަށް ހެދޭ ކުދިކުދި ގޯސްތަކުގެ ފައިދާ ނަގައިގެން އޭނާ ހޯދި ޕޮއިންޓުތަކެއް ކަމެވެ. އެހެންކަމުން ޒުވާން ބެޑްމިންޓަން ތަރި ނަބާއަށް އިތުރު ތަމްރީނުތަކާއި ތަޖުރިބާތަކުގެ އެހީގައި މިފަދަ މުބާރާތްތަކުގައި ތަފާތު ދެއްކޭނެ ކަމަށް ބެލެވެއެވެ. ފުރުސަތު ލިބޭ ވަރަކަށް ނަބާ ވެސް މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރި ނަމަވެސް ހީ ކައިރިން މާ ބޮޑު ޖާގަތަކެއް ނުލިބޭތީ ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި ބަލިވީ އެވެ.

އޮލިމްޕިކްސް ގައި ނަބާގެ ދެވަނަ މެޗުގައި މާދަމާ ކުޅެން ޖެހޭނީ އީރާނުގެ ސޮރާޔާ އަގޭއިއާ ދެކޮޅަށެވެ. ނަބާ ވަނީ މީގެކުރިންވެސް ސޮރާޔާ އާއި ދެކޮޅަށް ކުޅެފައެވެ. 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި މި ދެ ކުޅުންތެރިންގެ ކުރިމަތިލުމުން ސޮރާޔާ ކުރިހޯދީ ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ. އެގޮތުން މެޗުގެ ދެ ސެޓުވެސް ސޮރާޔާ ގެންދިޔައީ 11-21 އިންނެވެ.

ދެއަހަރުކުރިން ސޮރާޔާ އަތުން ބަލިވި ނަމަވެސް ނަބާ އަކީ މިހާރު ކުރިއަށްވުރެ ތަޖުރިބާ ހުރި ސޮރާޔާ އާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވޭނެ ވަރުގެ ކުޅުންތެރިއެކެވެ. ނަބާ އަކީ މިފަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގ ދިދަ އުފުއްލި އެއް އެތްލީޓުވެސް މެއެވެ. ނަބާ އާއިއެކު ދެން ދިވެހި ދިދަ އުފުލާފައިވަނީ ސްވިމިންގް އިން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ މުބާލް އައްޒާމް އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ކޮންޓިންޖެންޓް: ފޮޓޯ:- ގެޓީ އިމޭޖަސް

އޮލިމްޕިކްސްގައި މިއަދު ރާއްޖޭގެ އަންހެން ފެތުންތެރިޔާ އައިޝަތު ސާޖިނާގެ އިވެންޓް އޮންނާނެ އެވެ. ސާޖިނާ ވާދަކުރަނީ 100 މީޓަރު ބްރެސްޓްރޯކް އިވެންޓްގަ އެވެ.