ޓޯކިޔޯ އޮލިމްޕިކްސް 2020 ގައި ކުޅުނު އަންހެން ސިންގަލްސް ފުރަތަމަ ރައުންޑުގެ މެޗުން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އޭޝްލީ ބާޓީ، ސްޕެއިންގެ ސަރާ ސޮރީބްސް އަތުން ބަލިވެއްޖެއެވެ.

އަންހެން ސިންގަލްސް ބައިގެ ފުރަތަމަ ރައުންޑުގެ މެޗުން ސަރާ އަތުން ބާޓީ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ 4-6، 3-6 އިންނެވެ.

މިއީ ކެރިއަރުގައިވެސް ސަރާ ހޯދި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަ ކޮށްލެވެއެވެ.

އޮލިމްޕިކްސް ޓެނިސް އިވެންޓުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ދުނިޔޭގެ ރޭންކިންގެ 48 ވަނަ އަށް ރޭންކްކުރެވިފައިވާ ސަރާ އަތުން ބާޓީ ބަލިވިއިރު އޮލިމްޕިކްސް އަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބާޓީ ވަނީ ވިމްބްލްޑަންގައި އޭނާގެ ދެވަނަ ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ސަރާ ބުނީ އޮލިމްޕިކްސްގައި މޮޅު ކުޅުމެއް ދެއްކުން އެއީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ އޮލިމްޕިކްސްގައި ބަލިކުރެވުމުން އެއީ އެހުވަފެނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެއްކަމަށެވެ.

މެޗުން ބަލިވެ ބާޓީ އަށް ސިންގަލްސްގެ އުންމީދު ގެއްލުން ނަމަވެސް ވިމެންސް ޑަބަލް އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން ބާޓީ އާއި ސްޓޯމް ސޭންޑާސްގެ ޕެއަަރ ވަނީ ދެވަނަ ރައުންޑުން ފުރުސަތު ހޯދާފައެވެ.