ލާދީނީ ފިކުރާ ހަރުކަށި ފިކުރާ މި ދެފިކުރަކީވެސް އިންތިހާއަށް ކަންބޮޑުވާ ނުރައްކާތެރި ފިކުރުތަކެއް ކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި އަދި ލާދީނީ ފިކުރާއި ހަރުކަށި ފިކުރަކީ އިންތިހާއަށް ކަންބޮޑުވާ ނުރައްކާތެރި ދެ ފިކުރު ކަމަށެވެ.
ޝައިޚް ޒައިދުގެ މި ޓްވީޓަށް ރައްދުދިން މީހަކު ބުނެފައިވަނީ ފުލުހުންގެ ނޫސް ކޮންފަރެންސުން ހާމަވީ ނަފުރަތުގެ ބިލް ފާސްކުރުމު މުހިއްމުކަން ކަމަށެވެ.
މިކަމާއި ގުޅިގެން ޒައިދު ކުރެއްވި އިތުރު ޓަވީޓެއްގައި ވަނީ ނަފްރަތުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުތަކާއި އެކު ފާސްކުރަން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ހިތާމަައަކީ މިނިސްޓްރީގެ އިސްލާހުތަކަށް އެއްވެސް ވަރަކަށް ކޮމިޓީން ނުބައްލަވާ އެކަންކަން ބޮލާލައި ޖެހުން ކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.
ހަރުކަށި ފިކުރުގެ މީހުންނާއި ރައީސް ނަޝީދަށް ދިން ހަމަލާއި ގުޅުން ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދީފައިވަނީ އިސްލާމީ ހަރުކަށީ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުުން އޮތް ބައެއް ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.
ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނު ދީނުން ބޭރުވެފައިވާ ކަމަށާއި ލޭ ހުއްދަވެފައިވާ ކަމަށް ހަމަލާދޭން ރޭވި މީހުން އަމިއްލައަށް ނިންމައިގެން ކަމަށެވެ.
އެ ހަމަލާގައި މުޅިން ވެސް ތިބީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ފިކުރާއި ވިސްނުން ކުރިއަށް ނެރޭ މީހުން ކަން ތަހުގީގުން އެނގިފައިވާ ކަމަށާއި ހަމަލާގެ މޯޓިވްއަކީ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުތަކަށްޓަކައި ރައީސް ނަޝީދު އަވަހާރަކޮށްލުން ކަމަށްވެސް ރިޔާޒް ވަނީ ރޭ ވިދާޅުވެފައެވެ.