އަޑީ ދައުލަތެއް ނެތް ކަމަށް ބުނެ ބަހަނާ ނުދެއްކުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފް އެދިއްޖެއެވެ.

"އަޑީ ދައުލަތެއް" ނެތް ކަމަށް ބުނެ ބަހަނާ ނުދެއްކުމަށް މެމްބަރު ހަސަން ލަތީފް ސަރުކާރުގައި އެދިވަޑައިގެންނެވިއިރު ރައީސް ނަޝީދަށް ދިން ހަމަލާ ރާވާ ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނަކީ ރައީސް މުހައްމަދު ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ދެކި އަދި ދިވެހިރާއްޖޭގައި އޮތް ދައުލަތަކީ ކުފުރު ފިކުރުގެ ދައުލަތެއް ކަމަށާއި ދައުލަތުގެ ނިޒާމް ގަބޫލުނުކުރުމުގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކަކީ އަދާކޮށްގެންވާނެ ވަޒީފާތަކެއް ނޫންކަމަށާއި އެ ވަޒީފާތަކުން ލިބޭ ފައިސާއަކީ ހަލާލް ފައިސާ ނޫންކަމަށް ގާބޫލްކުރާ މީހުން ކަމަށް ފުލުހުން މިހާތަނަށް ކުރި ތަހުގީގުތަކުން ވަނީ ފާހަގަވެފައެވެ.

އަދި އެ މީހުންނަކީ ގައުމިއްޔަތާއި އިދާރީ ނިޒާމް ގަބޫލުނުކުރުމުގެ އިތުރަށް ދިވެހިރާއްޖޭގެ ރައްޔިތެއްގެ ގޮތުން އަދާކުރަން ޖޭހޭ ޒިންމާތަކާއި ތަބާވަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވާ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ތަހުގީގުން ބެލި ކަންތައްތައް ރައްޔިތުންނާއި ހިއްސާކޮށްފައިވަނިކޮށް މެމްބަރު ހަސަން ލަތީފް ކުރެއްވި ޓްވިޓެއްގައި ވަނީ " އަޑީ ދައުލަތެއް" ނެތް ކަމަށް ބުނެ ބަހަނާ ދައްކައި ކުރަންޖެހޭ މަސައްކަތްކަތް ނުކޮށް އަދި އެކަމަކީ ނުވާކަމަކަށް ހަދާލައިގެން ސަރުކާރު އޮވެގެން ނުވާނެ ކަމަށެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސާފުކޮށް "އަޑީ ދައުލަތެއް" ރާއްޖޭގައި އޮތްކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީއަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވެފައިވާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވަނީ އޭނާ ކުރެއްވި ޓްވީޓުގައި މަޖިލީހުން ކުރިއަށްގެންދިޔަ އިންކުއަރީ ރިޕޯޓުގެ ބައެއް މައުލޫމާތުތައް ހިމަނާފައެވެ.