ދީނަށް އިހާނެތިކުރުމާއި ހަރުކަށިފިކުރަށް އޮތް ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން ވަނީ، ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިއުމާރީ އަޅުވެތިކަމުން، މިނިވަންވިތާ 56 އަހަރު ފުރޭ، 57 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެންމެހާ ދިވެހި ރައްޔިތުންނަށް، އެމަނިކުފާނުގެ ހިތުގެ އިޚްލާސްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަސްރަކީ ރާއްޖޭގެ ރައްޔިތުން މާތްވެެގެންވާ އިސްލާމްދީނުގެ ސައްހަ އަޤީދާގައި ސާބިތުވެ އެއްބައިވަންތަ ކަމާއެކު ތިބުމުގެ ހެޔޮ ނަތީޖާކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިހާރު މިއަސާސްތަކާ މުޅިން ޚިލާފަށް އިސްލާމްދީނަކީ، ހައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި އާންމުކުރުމަށް ވަރަށް ފާޅުގައި ބަޔަކު މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި، މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެފަދައިން އިސްލާމްދީނަށް އިހާނެތިކުރުމާއި، ފުރައްސާރަކުރުމުގެ އަމަލުތަކަކީވެސް، މުޖުތަމައު ބައިބައިކޮށް ފަސާދައަށް މަގުފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މިދެ ކަމަކީވެސް އެއްވެސް ހާލެއްގައި ދިވެހި މުޖުތަމަޢުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާޢީ ދެމައްސަލަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެ މައްސަލައިގެ އޮތް ހަމައެކަނި ހައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެމައްސަލައަށް އޮތް ދާއިމީ ހައްލަކީ، އިސްލާމްދީނުގެ ސައްހަ އަޤީދާގެމަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމްދީނުގެ ސައްހަ ޢަޤީދާގެ މަތީގައި، ކުދިން ތަރުބިއްޔަތު ކުރުމަށް ތައުލީމީ ނިޒާމުގެ ތެރެއިން، ކުރެވެންހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެ މައްސަލައިގެ އޮތް ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ކުދިން ތަރުބިއްޔަތުކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ހައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

އޭގެތެރެއިންވެސް، މީހުން ބިނާކުރުމާ ގުޅިފައިވާ، ސްޓޫޑެންޓް ލޯނާއި، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވައިދިނުން ފަދަ، ތައުލީމާ ގުޅޭ ޕްރޮގްރާމްތަކާއި، ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ސިއްހީ ޚިދުމަތްތައް ތަރައްޤީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، މެދުކެނޑުމެއްނެތި އަދިވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ރައީސް ވިދާޅުވިއެވެ.