ރާއްޖޭގައި ދިރިއުޅޭ ކޮވިޑް ވެކްސިން ޖެހޭ އެންމެނަށް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފުތާގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތަކީ، މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ޙާލަތެއް ކަމަށެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާކަން ރައީސް ވަނި ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ، ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގެ ތެރޭގައި ފަށާނެކަން އިއުލާން ކުރައްވާފައެވެ.

އެގޮތުން ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިންޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުންކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުން ކަމަށެެވެ.

މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައިނެތް، ވަރަށް މަތިވެރި ނަސީބެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި އަންނަ ހަފުތާގެ ތެރޭގައި، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މި ފަށަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް. ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ ޢުމުރުގެ 90 އިންސައްތަ މީހުންނަށް، މި ފެށޭ އޮގަސްޓު މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން. އަދި މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުން. މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް.
ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަ ކުރެވޭވަރަށް، ރާއްޖެއަށް މިހާރު ހުރީ ވެކްސިން ގެނެސްފައިކަންވެސް ރައީސް ހާމަކުރެއްވިއެވެ.

އެހެންކަމުން، މި ފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ވަނީ، މިނިވަންދުވަހުގެ އުފާވެރި މުނާސަބަތުގައިވެސް، ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި، ސިއްހީ ޚިދުމަތްތެރިންނާއި، ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތް ކުރާ ހުރިހާ އެންމެން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

ކޮވިޑް-19 އާއެކު މި ކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ކަމަށާއި، ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްޓަކައި، ވިސްނުންތެރި ކަމާއެކު، މަސައްކަތް ފެށުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.