މުޖުތަމައުގެ މިނިވަންކަން ގެއްލިގެންދާ ކޮންމެ ފަހަރެއްގައި، މިނިވަންކަން ގެއްލިގެން ދަނީ އެ މުޖްތަމައެއްގެ ބައިބައިވުމާއި ދެކޮޅުވެރިކަމުގެ ސަބަބުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ މެސެޖުގައެވެ.

މިނިސްޓަރ އިމްރާންގެ މެސެޖުގައި ވަނީ މިނިވަންކަމަކީ ހިލޭ ލިބޭނެ އެއްޗެއް ނޫންކަން ފާހަގަކުރައްވާ، މިނިވަންކަން ހޯދުމަށާއި މިނިވަންކަން ދެމެހެއްޓުމަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެއަގު ލިބިގެންނޫނީ މިނިވަންކަން ނުވެސް ލިބޭނެ ކަމަށާއި އަދި ނުވެސް ދެމެއްޓޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މިނިވަންކަން ދެމެހެއްޓުމަށްޓަކައި ދައްކަންޖެހޭ ފުރިހަމަ އަގު ދެއްކުމަށްޓަކައި މިނިވަންކަން ލިބިފައިވާ މުޖުތަމައެއްގެ ނުވަތަ އެ ގައުމެއްގެ އެންމެން އެކުގައި ތައްޔާރުވާންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިނިވަންކަން ލިބޭނީ އެންމެން އެކުގައި ކުރާ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި، އަދި އެކަން ދެމެހެއްޓޭނީވެސް އެންމެން އެކުގައި ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

މުޖުތަމައުގެ މިނިވަންކަން ގެއްލިގެންދާ ކޮންމެ ފަހަރެއްގައި އެ ގެއްލިގެންދަނީ އެމުޖްތަމައެއްގެ ބައިބައިވުމާއި ދެކޮޅުވެރިކަމާއި، ދެބަސްވުމާއި، އަދާވާތްތެރިކަމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިނިވަންކަން ދަމަހަށްޓަން ބޭނުންވާ ކޮންމެ މުުޖުތަމައެއްގައި، ފުރިހަމަ އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރޫހު ދިރުވައި އާލާކުރަންޖެހޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި 56 ވަނަ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ މިނިވަންކަން، އަންނަށް އޮތް ޖީލުތަކަށް ގެންދިޔަމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ ރޫހު އިތުރަށް އާލާކޮށް ދިރުވުމަށްޓަކައި މިފަހަރު އަޅުގަނޑުމެންގެ މިނިވަންދުވަސް މި ފާހަގަކުރަނީ މުޅި ރާއްޖެއިން. ރާއްޖޭހެ ހުރިހާ ކަންކޮޅުތަކުން، ރާއްޖޭގެ އެންމެން ބައިވެރިވެގެން."
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓާރު އިމްރާން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ އަސާސްތަކަކީ އިސްލާމްދީނާއި، ދިވެހި ބަހާއި ދިވެހިންގެ ރިވެތި ސަޤާފަތް ކަމަށެވެ.

އަދި އެއިން އެއްވެސް ބަހާއަކަށް އުނިކަމެއް އަތުވެދާނެ އެއްވެސްކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރު އިމްރާން ވަނީ ދެއްވާފައެވެ. އެމަސައްކަތުގައި ބޭރުން ނުވަތަ އެތެރެއިންވިޔަސް އަންނަ ގޮންޖެހުންތައް ސަރުކާރުން ހުއްޓުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިވަންކަމަކީ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށް ކާބަފައިން ވާރުތަކޮށްދީފައިވާ ވަރަށް ބޮޑު އަމާނާތެއްކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ، މިނިވަންކަން ހިމާޔަތްކުރެވޭނީ ޤައުމިއްޔަތުގެ އަސާސްތައް ހިމާޔަތްކޮށް ރައްކާތެރިކުރެވިގެން ކަމަށެވެ.