* ތިރީގައި މިވަނީ، މަޝްހޫރު ތާރީޚީ ލިއުންތެރިޔާ މުހަންމަދު ޝާތިރު އެއްކުރައްވާފައިވާ މައުލޫމާތުކޮޅެކެވެ.

ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ތާރީޚުގައި މުޅިދުނިޔެއިންވެސް ފާހަގަކުރެވޭ ފަޚުރުވެރި 800 ނުވަތަ 900 އަހަރުގެ މިނިވަންކަމުގެ ޝަރަފުވެރި ތާރީޚެއް އޮތް ގައުމެކެވެ. ވީމާ، 56 އޭ 57 އޭ ލިޔުމުގެ ބަދަލުގައި، މިނިވަން ދުވަސް 2021 ލިޔުން ނުވަތަ ކިޔުން، އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެނެއެވެ. އޭރުން އެއްވެސް އޮޅުމެއް ނާރާނެއެވެ.

ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަން:

ފަހުގެ ތާރީޚުގައި މިނިވަންކަމުގެ ތާޒާކަމާއި ވަސްމީރުކަން ދެކުނު އޭޝިޔާއަށް ވެރިވީ، މީގެ 76 އަހަރު ކުރިން ބޮޑު ހަނގުރާމަ ނިމުމުންނެވެ. މިގޮތުން 1947 ގައި އިންޑިޔާ މިނިވަންވެ، ޕާކިސްތާނާއި، އިންޑިޔާ ދެގައުމުގެ ގޮތުގައި އުފެދުނެވެ. އަދި ސިލޯނު 1948 ގައި މިނިވަންވިއެވެ. ސިިލޯނު މިނިވަންވުމުން، 1948 ގައި ރާއްޖެއަށްވެސް ދާޚިލީ މިނިވަންކަން ލިބުމުގެ އެއްބަސްވުމެއްގައި، މާލޭގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރިއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ޖުލައި26، 1965 މިދުވަހު ހެނދުނު ދިހައެއްޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހިދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ޑިސެމްބަރު16، 1887 އިން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެދަށުގައި ރާއްޖެއޮތް އޮތުން 77 އަހަރަށްވުރެ ގިނަދުވަސްވުމަށްފަހު ނިމުމަކަށްއައީއެވެ.

މީގެ 56 އަހަރު ކުރިން ހިނގި ރާއްޖެއަށް މިނިވަންކަން ހޯދުމުގެ ހަރަކާތްތަކަށް ނަޒަރު ހިންގާލާއިރު އިނގިރޭސީންގެ މަރުކަޒުތަކެއް އައްޑުއަތޮޅުގައި ހަދަން ނިންމި ނިންމުމާއި، އޭރު (1954އިން 1957އަށް) ބޮޑުވަޒީރު ކަމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ގެންގުޅުއްވި ސިޔާސަތާއި މިކަންކަމުގެ މައްޗަށް އަލިއަޅުާލުން މުހިންމެވެ. މިކަން ހިނގިގޮތަށް ބަލާއިރު ދެވަނަ ބޮޑުހަނގުރާމަ 1945 ނިމުމާއެކު ހަނގުރާމައިގައި އިއްތިހާދީންނަށް ކޮށްދިން މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެގޮތުން، ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ، އިސްވެ ބަޔާންކުރެވުނު ފަދައިން، އިނގިރޭސީން އެބައިމީހުންގެ އިސްތިއުމާރުގެ ދަށުގައި އޮތް ބައެއް ގައުމުތަކަށް މިނިވަންކަން ދޭން ފެށިއެވެ. މިގޮތުން 1947 ގައި އިންޑިޔާއަށް މިނިވަންކަން ލިބި އަދި ޕާކިސްތާނު އުފެދުނެވެ. އަދި ސިލޯނަށް 1948 ގައި މިނިވަން ލިބުނެވެ. މިގައުމު ގައުމަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައިއޮތް ގައުމު ގައުމެވެ.

އެހެންނަމަވެސް ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ނުލިބެއެވެ. އިނގިރޭސީންގެ ''ހިމާޔަތުގެދަށުގައި'' އޮތް ދިވެހިރާއްޖެއަށް ލިބުނީ ދާޚިލީ މިނިވަންކަމުގެ ނަމެވެ. އެހެނަސް އެއީ ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ޖިޒީކަނޑާލި އެއްބަސްވުން ނުވަތަ ދާޚިލީ މިނިވަންކަމުގެ ނަމުން މަޝްހޫރުވި އެއްބަސްވުމެއްވެސް މެއެވެ.

އޭޕްރީލް 24، 1948 ގައި މާލޭގައި އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެވެ. މިއީ ސިލޯނަށް 1947 ގައި މިނިވަން ލިބުމަށްފަހު ދިވެހިރާއްޖެއިން އިނގިރޭސީންނަށް ދޭ ވެދުން ނުވަތަ ޖިޒީ ހިފައިގެން ދާދިއުން އާދަކާދައިގެމަތިން ސިލޯނަށް ދާންފަށައިފިނަމަ ސިލޯނު (މިހާރުނަމަ ޝްރީލަންކާ) ގެ ދަށަށް ރާއްޖެ ގޮސްފާނެތީ، އޭރު ދިވެހިދައުލަތް ހިންގަވަން ހުންނެވި މުހައްމަދު އަމީނު ދީދީ ގައުމަށް ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތެއްކަން ތާރީޚު ދިރާސާކުރުމުން ސާބިތުވެ އެނގެން އެބައޮތެވެ.

ސިލޯނަށް 1947 ގައި މިނިވަންކަން ދިނުމަށްފަހު، އިނގިރޭސީންގެ ދެކުނު އޭޝިޔާގެ ''އެންމެ ލޮބުވެތި ކޮލޮނީ'' ސިލޯނުގައި ހުރި އިނގިރޭސީންގެ އެކިއެކި މަރުކަޒުތައް ތަފާތު ސަބަބުތަކާހުރެ އެހެންތަނަކަށް ބަދަލުކުރަން ޖެހުނެވެ. މިގޮތުން އިނގިރޭސީން މިކަމުގައި ދުށީ މިކަމަށް އެންމެ ރަނގަޅީ ދިވެހިރާއްޖެ ކަމަށެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅު ގަމާއި، މާލެއަތޮޅު ދޫނިދޫ އަދި ތިލަދުންމަތީ ކެލާގައި އިނގިރޭސީން އަސްކަރީ އަދި މުވާސަލާތީ މަރުކަޒުތައް ގާއިމުކުރެވުނު ކަމަށްވާތީވެސްމެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އައްޑުއަތޮޅު ގަމާ ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް 100 އަހަރަށް ކުއްޔަށްދޭން، ޑިސެމްބަރު،1956 ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ރަމްޒު ސޮއިކުރައްވާފައިވެއެވެ. މިކަމުގައި ދިމާވި ތަފާތު ސަބަބުތަކާހުރެ، ފާމުލަދޭރި ކިލެގެފާނު ޑިސެމްބަރު 11، 1957 ގައި އިސްތިއުފާ ދެއްވިއެވެ. ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ދެކެވަޑައިގަތީ ދިވެހިރާއްޖެފަދަ ވަސީލަތްތައް މަދު ކުޑަގައުމަކަށް ހަމަޖެހުމާއެކު ދެމިއޮވެވޭނީ ބޮޑުބާރެއްގެ ހިމާޔަތުގެދަށުގައި ކަމަށެވެ.

ދެން ބޮޑުވަޒީރެއްކަމަށް ރައްޔިތުންގެ މަޖިލީހުން ރަދުންނަށް ލަފާއެރުއްވީ، އޭރުގެ ވަޒީރުއްދާޚިލިއްޔާ އިބްރާހީމް ނާސިރެވެ. އެމަނިކުފާނު ޑިސެމްބަރު 12، 1957 ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. ފާމުލަދޭރި ކިލެގެފާނުގެ ސިޔާސަތާ ޚިލާފަށް ނާސިރުގެ ސިޔާސަތެއް ކަމުގައި ކަނޑައެޅުއްވީ، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަމާ އިސްތިގުލާލު ކުރިއަށް ނެރެ، ފުރިހަމަ މިނިވަންކަމާއެކު ބައިނަލްއަގުވާމީ މައިދާނަށް ނުކުތުން، އިނގިރޭސީންފަދަ އިސްތިއުމާރީ ބާރެއްގެ ހިޔަލުގައި އޮތުމަށްވުރެ ދިވެހިގައުމަށް ފާއިދާބޮޑު ކަމަށެވެ.

މިހިސާބަށް ކަންތައް ދިޔައިރު އައްޑުއަތޮޅު ގަމުގައި އިނގިރޭސީންގެ ވައިގެ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް އިނގިރޭސީން ވަނީ އެގައުމުގެ ކޮސްޓޭން ކުންފުންޏާ ހަވާލުކޮށްފައެވެ. ނަމަވެސް ގަމުމީހުން ޖެހިގެންއޮތް ފޭދޫއަށް ބަދަލުކުރުމުގެ ކަންތައް މުޅިން ހަމަނުޖެހޭތީ، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. ހަމަ މިދަނޑިވަޅުގައި އާސަރުކާރުން އަލަށް ތައާރަފް ކުރެއްވި އޮޑިދޯނިފަހަރު ރަޖިސްޓްރީ ކުރުމާއި އެއިން ފީ ނެގުމުގެ ގާނޫނާ ރާއްޖެއިން ބޭރުން ގެންނަ ތަކެތީން މައުމޫލު ނެގުމުގެ ގާނޫނުފަދަ ގާނޫނުތައްވީ، އައްޑުއަތޮޅު ރައްޔިތުން އެމީހުންގެ މައީޝަތު ނުވަތަ އިގްތިސާދު އެކަމަކަށް ހުއްޓިފައިވާ ކޮޅުނބު ދަތުރުފަދަ ކަންތައްތަކަށް ބަލާއިރު އެމީހުންނަށް ބަލައިނުގަނެވޭފަދަ ކަންތައްތަކަކަށެވެ. އެއާގުޅިގެން ޖެނުއަރީ1، 1959 ގައި އައްޑުއަތޮޅުގައި ވަކި ވެރިކަމެއް އިއްލާނު ކުރުމެވެ. މިއިއްލާނު ކުރެވުނު ވެރިކަމުގައި ފަހުން ހުވަދުއަތޮޅާ ފުވައްމުލައްވެސް ބައިވެރިވިއެވެ. މިވެރިކަން ސެޕްޓެމްބަރު23، 1963 އަށް ދެމިއޮތެވެ. މިކަންވީ ރާއްޖޭގެ ފުރިހަމަ މިނިވަންކަމަށްޓަކައި އިތުރަށް މަސައްކަތް ކުރަން ސަރުކާރަށް މަޖުބޫރުވި ކަމަށެވެ.

މިދުވަސްވަރު ދިވެހި ސަރުކާރާ، އިނގިރޭސީން 1960 ގައި އެއްބަސްވީ އައްޑުއަތޮޅު ގަމާ ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް ކުއްޔަށް ދޭނީ 1960 އިން ފެށިގެން 30 އަހަރަށް ކަމަށެވެ.

ބޮޑުވަޒީރު ނާސިރުގެ އާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށްޓަކައި، ވަރަށްއަވަހަށް އަޅުއްވަން ފެށްޓެވި ތައްލީމު ފުޅާކުރެއްވުމާއި، ވިޔަފާރި އަމިއްލަ ކުރެއްވުމާއި، މުވާސަލާތު ގާއިމު ކުރެއްވުމުގެ ފޮނި ނަތީޖާ ފެނިގެންދިޔައީ އަވަސްކޮށެވެ. އިންގްލިޝް މީޑިއަމްގެ ތައްލީމާއި، އޭ.ޓީ.އޭގެ ވިޔަފާރިއެވެ. ހުޅުލޭ އެއަރޕޯޓެވެ. ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަނެވެ. ރޭޑިއޯ ޓެލެފޯނުން އަތޮޅުތައް ގުޅާލުމެވެ. މިނޫންވެސް ކިތަންމެ ކަމެކެވެ. މިގޮތުން 105 އަހަރަށްފަހު ވޯރާވިޔަފާރިވެރިން އިގުތިސޯދީ އަޅުވެތިކަމުން 1962 ގައި ރާއްޖޭގެ ވިޔަފާރި މިނިވަންކުރެއްވީ ބޮޑުވަޒީރު ނާސިރުގެ ހިކުމަތު އަމަލީގެ ސިޔާސަތުންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މި ކާމިޔާބީތަކާ ގުޅިގެން ދާދިއަވަހަށް މާލެއާ ކޮޅުނބުގައި ދިވެހި ސަރުކާރުގެ މަންދޫބުންނާއި، އިނގިރޭސީންގެ މަންދޫބުންނާއި މިނިވަންކަމުގެ މަޝްވަރާތައް ފެށުނެވެ. ދެތިންއަހަރުވަންދެން މިކުރެވުނު މަޝްވަރާތަކާއި، ބޮޑުވަޒީރު އިބްރާހީމް ނާސިރާއި، އެމަނިކުފާނުގެ ޓީމުގެ އިގްތިސާދީ އަދި ސިޔާސީ މިނިވަންކަމުގެ ހިކުމަތުގެ އަމަލީގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޖުލައި 26، 1965 ގައި ރާއްޖެއަށް މިނިވަންކަން ލިބުނީއެވެ.