ރާއްޖޭގެ ކަންކަން ނިންމުމުގެ ބާރު ދިވެހިންގެއަތުން ގެއްލިގެން ގޮސްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން މިހެން ބުނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، މިޤައުމަކީ އަމިއްލަ ބާރު ހިންގާ، އަމިއްލަ ވެރިކަމެއް ކުރާ މިނިވަން ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔަފަހުން، އެ ފަޚުރުވެރި ނިންމުމަށް، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ އެތައް ކަމެއް ހިނގަމުން ދާތަން މިޤައުމުން ފެންނަމުން ދިޔުމަކީ މިޤައުމު ދެކެ ލޯބިވާ ދަރިންގެ ލޮލުން ކަރުނަ ހިލިގެންދާ ފަދަ ހިތާމަވެރި ކަމެއްކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.

މިކަންކަމަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތާމަކޮށް ދެކޮޅުހަދާ ކަންކަން ކަމަށް ބުނެފައި ވެއެވެ.

ދިވެހިން އެދެނީ މިޤައުއުމުގެ ފަޚުރުވެރި ކާބަފައިންގެ ބުރަ މަސައްކަތުން މިޤައުމު މިއަދާއި ހަމައަށް ގެނެސްދެވިފައިވާ ޙާލަތުގައި އެއަށް އެއްވެސް އުނި އިތުރެއް ނުގެނެސް އަންނަން އޮތް ޖީލުތަކާއި ހަމައަށް ޤައުމު ގެންގޮސްދިނުމަށް ކަމަށެވެ.

ދިވެހި ރައްޔިތުންނަށްވެސް ދީނީ މިނިވަންކަން ހޯދައިދިނުމުގެ މަސައްކަތްތަކެއް ބައެއްގެ ނުފޫޒާއެކު ނަމަވެސް، ސަރުކާރުގެ ތެރެއިން ފަށްޓާފައިވާކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައި ކަމަށް ބަޔާނުގައި ވެއެވެ.

ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.