ހައްގުބަސް ވިދާޅުވާން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ކެރިވަޑައިނުގަތުމުން ހިތާމަކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެޖެއެވެ.

2023 ވަނަ އަހަރު އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރުމާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ، ރައީސް ޔާމީން ކުށެއް ސާބިތުވެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، ހަމައެކަނި އިންތިހާބުގައި ވާދަކުރަން އެމަނިކުފާނު ޖަލުން މިނިވަންކޮށްގެން ވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް މައުމޫންގެ މި ވާހަކަފުޅާއި ގުޅިގެން ޑރ ޖަމީލް ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޑރ. ޖަމީލުގެ ޓްވީޓްގައި، ރައީސް ޔާމީންއަށް ކުރި ހުކުމުގައި ޝަރުއީ ގިނަ މައްސަލަތައް ހުރިކަން ފާހަގަކޮށް އެކަންކަމަށް ރައީސް މައުމޫން އަލިއަޅުވާލަފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުންދާ ގޮތުން، ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީނަކީ ކުރިއަށް އޮތް އިންތިހާބުގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ލީޑަރެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއްވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާއިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ.

ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާފައިވަނީ އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.