މިނިވަން ދުވަސް ފާހަގަކުރާއިރު، އެންމެން އެއްބައިވެގެން ސުލްހަވެރި ގައުމެއް ބިނާކުރުމުގެ މުހިއްމުކަން ހަނދާންކުރަންޖޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވަނީ، ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮ އެދުންތައް ފޮނުވުމުގެ ގޮތުން ކޮށްފައިވާ ޓުވީޓެއްގައެވެ.

ޖުމްހޫރީ ޕާޓީން ބުނީ، މިނިވަންކަމަށް 56 އަހަރު ފުރުން ފާހަގަކުރާއިރު އެންމެން ގުުޅިގެން ކާމިޔާބު، އަމާން އަދި ސުލްހަވެރި ގައުމެއް ބިނާކުރުމުގެ މުހިންމުކަން ހަނދާންކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ރާއްޖެއަކީ މިނިވަން ދައުލަތެއްކަމަށް ކަނޑައަޅައި ދިވެހި ރާއްޖެއާއި އިނގިރޭސީންގެ މެދުގައި އެއްބަސްވުމެއްގައި ސޮއި ކުރެވުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

މި އެއްބަސް ވުމުގައި ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 10 ޖެހިއިރު ސޮއިކުރެއްވީ އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރާއި އޭރުގެ އިނގިރޭސި ކޮމިޝަނަރ ސަރ މައިކަލް ވޯކަރެވެ.

މިނިވަންދުވަހާއި ދިމާކޮށް، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ކުޅިވަރުތައް ކުޅެއެެވެ. އެހެންނަމަވެސް މި ދެއަހަރު ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެއްވެސް ކުޅިވަރެއް ރާވާފައެއް ނުވެއެވެ.