މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އެ ޕާޓީ އުފެއްދެމުގައި އިސްކޮށް ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށާއި މައިގަނޑު މަގްސަދަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށެވެ.
ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީެއްގެ ބަދަލުގައި އެ ޕާޓީން މަސައްކަތްކުރާނީ ޒަމާނީ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ކާމިޔާބު ކުރެވިފައިވާ ގޮތްގޮތަށްކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ، އެގޮތުން ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ބެސްޓް ޕްރެކްޓިސްތަކަށް ބަލައި ދެމެހެއްޓެނިވި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި އެޕާޓީގެ މަސައްކަތްތައް ބައްޓަން ކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ދިވެހިން އެދޭގޮތަށް ޕާޓީގެ ކަންތައްތައް ކުރިއަށްގެންދާނީ މައިގަނޑު 10 އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށާއި އެގޮތުން އިސްލާމީ އަގީދާގައި ރިވެތި އަޚްލާގުގައި ސާބިތުވެތިބެ ސައްތައިން ސަައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓާނެ ކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.
އަދި އެ ޕާޓީގެ ވެރިކަމަކީ ވަކި މީހަކަށް ފަހައިދޭ ކޯޓެއްގެ ގޮތުގައި ނޯންނާނެކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ކަނޑައެޅޭ މުއްދަތެއްގައި ރިޓަޔަރ ކުރެވޭނެ ފަދަ ހަރުދަނާ އުސޫލުތަކެއް އެ ޕާޓީގައި އޮންނާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޕާޓީގެ ރިޔާސީ ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި ނާޒިމްވެސް ވާދަކުރައްވާނެ ކަމަށެވެ.
ޕްރައިމަރީއާއި އެ ޕާޓީގެ އެހެން އިންތިހާބުތައް ކުރިއަށްގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެކަންކަން ބަަަލައި މޮނިޓާކުރުމަށް ތިންވަނަ ފަރާތެއް ހަރަކާތްތެރިވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރަށް ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ގިނަވެގެން މަގާމުގައި ތިއްބެވޭނީ ދެދައުރަށް ކަމަށް އަސާސީ ގަވައިދުގައި ހިމަނުއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި އެގޮތަށް ޕާޓީގެ އަސާސްތައް ކަނޑައަޅާނީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމުގައި ވިދާޅުވިއެވެ.
އެ ޕާޓީއަކީ ސަރުކާރުގެ އެއްވެސް ބޭފުޅެއްގެ ބައިވެރިވުން އޮތް ޕާޓީއެއް ނޫން ކަމަށާއި ޕާޓީ އުފެއްދީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށްވެސް މެމްބަރު ކާނަލް ނާޒިމް ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމްއާއި ނާޒިމްގެ އިތުރަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެފައެވެ.