މޫސުމީ ވިއްސާރައިގެ ސަބަބުން އިންޑިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 159 އަށް އަރައިފިއެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އިންޑިއާގެ ހުޅަނގުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށެވެ.

އެތައް ދުވަހެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ގޭގޭގެ ސީލިންގާ ހަމައަށް ފެންގަނޑު އުފުލުނުއިރު، ބައެއް ހިސާބުތަކުގައި އުނަގަނޑާ ހަމައަށް މިހާރުވަނީ ކިސަޑު އުފެދިފައެވެ.

ހާޅުގައި ޖެހިފައިވާ މީހުން ތިބި ހިސާބުތަކަށް ދިއުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ކުރާއިރު، އެތައް މިލިއަން ބަޔަކުވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. އަދި ކަމާބެހޭ ޓީމުތަކުންވަނީ އެތައް މިލިއަން މީހުން ސަލާމަތްކޮށްގެން ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ތިން ސްޓޭޓެއްގެ ބޮޑު ސަރަހައްދަކުންވަނީ ކަރަންޓުވެސް ކެނޑިފައެވެ.

މޫސުން ކުޑަކޮށް ރަނގަޅުވެ އަދި ފެންގަނޑުވެސް ބައެއް ހިސާބުތަކުން ހިނދޭން ފެށުމުން ފެށުމުން ކަމާބެހޭ ޓީމުތަކުން މިހާރު ގެންދަނީ ވިއްސާރައިގެ ތެރޭގައި ހިނގި އެކިއެކި ހާދިސާތަކުގައި ޒަޚަމްވެފައިވާ މީހުންނާއި އަދި ހާލުގައި ޖެހިފައިވާ މީހުން ތަންތަނަށް އުފުލުމުގެ މަސައްކަތް ފަށާފައެވެ. ބައެއް ހިސާބުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އަދި ބައެއް ހިސާބުތައް ސާފުކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ޓީމުތަކުންވަނީ ފަށާފައެވެ.

މިފަހަރުގެ ވިއްސާރައިގައި އެންމެބޮޑަށް ގެއްލުން ލިބިފައިވަނީ މަހާރަޝްޓްރާ ސްޓޭޓަށް،، އެ ސްޓޭޓުން އެކަނިވެސް 149 މީހުން މަރުވެފައި ވާއިރު، އަދިވެސް 17 މީހަކު ގެއްލިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވިއްސާރައިގައި އެތައްބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިފައިވާއިރު، ފެންބޮވުމުގެ ސަބަބުން ދެމެމުން އައި ފެނުގެ ސައިލުތަކާއެކު އެތައް ގެދޮރެއްވެސް އޮޔާ ގޮސްފައިވާ ކަމަށް މަހާރަޝްޓްރާގެ އޮފިޝަލުން ވިދާޅުވެއެވެ.

މަހާރަޝްޓްރާގެ އިތުރުން، ވިއްސާރައިގައި ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ގޮއާ ސްޓޭޓާއި، ކަރްނާޓަކާ ސްޓޭޓަށެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މޫސުމީ ވިއްސާރަވެސް އަވަސްވެ އަދި ވަރުގަދަވެސް ވަމުންދާ ކަމަށެވެ.