ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރޭ މުލީއާގޭގައި ބޭއްވި ބައްދަލުވުމަށްފަހު އާޒިމް ވިދާޅުވީ، ބައްދަލުވުމުގައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި، މަޖިލީހާއި އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ރައީސާއެކު ވާހަކަ ދެކެވުނު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ކަނޑައަޅާފައިވާ ކަންކަން ހާސިލް ކުރުމަށް މަޖިލީހުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު 76 ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، މީގެ ތެރެއިން ގިނަ ބިލްތަކެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވެއެވެ.

ރޭގެ ބައްދަލުވުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމްގެ އިތުރުން މަޖިލީހުގެ 10 މެންބަރުން ވަޑައިގެންނެވިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދަވާފައިވާއިރު، މިދަނޑިވަޅަކީ އެމްޑީޕީގެ ތެރޭގައި ބައިބައިވުން ބޮޑުވެފައިވާ ދަނޑިވަޅެކެވެ.