ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ދުބާއީއަށް ފުރާވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ދުބާއީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށާއި އެނބުރި މާލެ ވަޑައިގަންނަވާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

ރައީސް ދުބާއީއަށް މިއަދު ވަޑައިގަންނަވާއިރު އެމަނިކުފާނު ވަނީ މިމަހުގެ 20 ވަނަ ދުވަހު ސްރީލަންކާއަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ވަނީ ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެގައުމުގެ ވެރިން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެގައުމުގެ ގުޅުން މުސްތަގްބަލުގައިވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.