ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހޯރަފުށީ އެއާޕޯޓު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު ޢަހްމަދު ސަލީމާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީއާއި، ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދުގެ އިތުރަށް އެމްޓީސީސީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިމަޝްރޫޢުގެ ދަށުން، ހޯރަފުށީގެ އެއަރޕޯޓް ރަންވޭގެ ދެފަރާތުގައި 2،861 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމަށް ނިންމާފަވާއިރު އެއާޕޯޓާއި އެ ރަށާއި ގުޅުވައިދޭ ކޯޒްވޭގެ ދެ ފަރާތުން އޮއިދެމޭ ނިޒާމެއް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހޯރަފުށީ އެއާޕޯޓްގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މިއީ ދަޢުލަތުން 90.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.