ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާއަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސްގެ ޙައިސިއްޔަތުން މިމަހުގެ 27 އިން 29 ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިދަތުރުފުޅުގެ ތެރެއިން، ބަލްގޭރިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވުމަށާއި، ދެޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރަސްމީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އަދި، ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާއި، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުހުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިޞަލާއި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވެވަޑައި ގަންނަވާނެއެވެ.

އދ.ގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އަވަށްޓެރި އިންޑިއާއަށެވެ.

މިއީ އދ.ގެ އާންމު މަޖިލީހުގެ ކުރިއަށްއޮތް ދައުރަށް އިންތިޚާބުވުމަށްފަހު، މިނިސްޓަރ ޝާހިދު ރާއްޖެއިން ބޭރަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.