މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، ސުކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސުކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދައިން އަންގާފައިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަންތަން ކަމުގައި ހެދުމަށާއި، އާންމު ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.

މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލަރގައި ބުނެފައިވަނީ، ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ސްކޫލުގެ ކިޔަވައިދިނުން އާންމު ހާލަތުގައި ކުރިއަށް ގެންދިއުމަށް ވެކްސިންގެ ޑޯޒްތައް ވީއެންމެ އަވަހަކަށް ފުރިހަމަކުރުމަށް ބާރުއަޅާ ކަމަށެވެ.

އަދި ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ ފަރާތްތަަކަށް ވެކްސިން ފުރިހަމަކުރުމަށް ފަސޭހަ އިންތިޒާމުތަކެއް މާލެ އާއި އަތޮޅުތެރޭގައި ހަމަޖެއްސުމަށް މަޝްވަރާ ކޮށްފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ވެކްސިން ނުޖެހޭ މުވައްޒަފުން ސަބަބާއެކު އެކަން ބަޔާންކޮށް އެޑިއުކޭޝަނަށް ހުށައެޅުމަށް ވަނީ އަންގާފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ދާއިރާއަކީ ތައުލީމީ ދާއިރާއަށް ވާއިރު، ދިރާސީ އައު އަހަރަށް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަހަރު ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.

މިހާރުވެސް ސްކޫލްތަކުގެ ގިނަ މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.