ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަންޑުކުރި ބަޔަކު ނެތޭ ބުނުމަކުން ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވެފައިމިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެއީ ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި ބޮޑަށް ބެލެވެނީ މިއީ ނަފުރަތާއި އަދާވާތްތެރިކަމާއި ދީނީ ހިޔާލުތަފާތުވުމުގެ ރުޅީގައި ދީފައިވާ ހަމަލާއެއް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ރިޔާޒް ވިދާޅުވެފައިވަނިކޮށެވެ.

މިވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވަނިކޮށް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކި ސްކޭމްތަކުން މަކަރާ ހީލަތުން މީހުންގެ އަތުން 7.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަތުލާފައިވާއިރު މިފައިސާތައް ގެންދިއަ ބަޔަކު ނުހޯދި ބޮން ގޮއްވަން ފަންޑުކުރިފަރާތެއް ނެތޭ ބުނުމަކުން ހަމަ ބުއްދިއެއް ގަބޫލެއް ނުކުރާނެ ކަމަށެވެ.

މެމްބަރުގެ މިފަދަ ތުހުމަތެއް ކުރައްވާފަވާއިރު އޭސީޕީ ރިިޔާޒް ވިދާޅުވީ، ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި ބޮން ގޮއްވާލީ ފަންޑުކޮށްގެންކަން ބެލެވެން ނެތްކަމަށާއި އެ ހަމަލާ ދިނުމަށް ބޭނުންވާ ސައިކަލު ފަދަ ތަކެތި ގަތުމުގެ އިތުރުން ހަމަލާ ދިނީތީވެ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން މިހާތަނަށް ބެލެވެން ނެތް ކަމަށެވެ.

ހަމަލާ ދިނުމުގައި ފަންޑު ކޮށްފައިވޭތޯ ބެލުމަށް ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނާއި އެ މީހުންނާ ގުޅުން ހުރި މީހުންގެ މާލީ މުއާމަލާތްތައް ބަލާފައިވާ ކަމަށްވެސް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

އަދި މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށްވާތީ ފައިސާއާ ގުޅުންހުރި ކަންކަން ބަލަމުންދާ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.