ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީ އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ހަގީގަތް ރަނގަޅަށް ކިޔައިދީގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަން ބުނެދީ އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ހަގީގަތް ރަނގަޅަށް ކިޔައިދީގެން ކަމަށާއި ހަރުކަށި ފިކުރުން ގައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތް ކުރުމުން ވަރަށް މުހިންމު ކަމަށެވެ.

އަދި ހަރުކަށި ފިކުރަކީ ގާނޫނީ ޢުގޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއްނޫން ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ދިގުދެމިގެންވާ ހައްލެއް ބޭނުންނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ ޝަހީމް ވަނީ މިކަމުގައި ގައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާނަމަ އެހީވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އިސްލާމީ އަގީދާއާއި ފިޤުހާ ގުޅުންހުރި މިފަދަ މުހިންމު އިސްޠިލާޙުތަކުގެ އަސްލު ހަގީގަތް ޢިލްމުވެރިން މެދުވެރިކޮށް ޒުވާނުންނަށް ކިޔައި ދެވެންޖެހޭ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ހަރުކަށި ފިކުރާ ނައްތާލުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކުގެ ވާހަކަ ޑރ. ޝަހީމް ވިދާޅުވިއިރު ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ، މީހުން މަރަން ފަސްނުޖެހޭ މިންވަރަށް ހަރުކަށިވެފައިވާ 1400 ވުރެ ގިނަ މީހުން އެބަތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަރުކަށި ފިކުރާ ގުޅޭގޮތުން ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ޝައިޚު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަވަހާރަކޮށްލަން މޭމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށާއި އަދި ލާދީނީ ފިކުރާއި ހަރުކަށި ފިކުރަކީ އިންތިހާއަށް ކަންބޮޑުވާ ނުރައްކާތެރި ދެ ފިކުރު ކަމަށެވެ.

މީގެއިތުރަށް ނަފްރަތުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުތަކާއެކު ފާސްކުރަން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ހިތާމަައަކީ މިނިސްޓްރީގެ އިސްލާހުތަކަށް އެއްވެސް ވަރަކަށް ކޮމިޓީން ނުބައްލަވާ އެކަންކަން ބޮލާލައި ޖެހުން ކަމަށްވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.