އަޟްހާ އީދު ބަންދަށްފަހު ބަނގްލަދޭޝްގައި ކޮވިޑްބަލިޖެހޭ މީހުންނާއި، ބަލީގައި މަރުވާ މީހުންގެ އަދަދުތައް އިތުރުވާން ފަށައިފިއެވެ.

ބަލި ފެތުރުން ހުއްޓުވަން މުޅި ބަނގްލަދޭޝް ހަރުކަށި ލޮކްޑައުންއަކަށް ދިޔަފަހުން އިއްޔެއަކީ އެއް ދުވަހެއްގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ އަދި ބަލީގައި އެންމެ ގިނަމީހުން މަރުވި ދުވަސް ކަމަށް ބަނގްލަދޭޝްގެ ޑިރެކްޓޮރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސްއިން ހާމަކޮށްފައި ވެއެވެ.

ބަނގްލަދޭޝްއިން އިއްޔެ 15،192 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައި ވާއިރު، 247 މީހުން ބަލީގައި މަރުވެފައި ވެއެވެ.

މިއަދަދުތަކާއެކު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 19،521 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 1،179،827 އަށް އަރާފައެވެ.

ޑެލްޓާ ވޭރިއެންޓްގެ ސަބަބުން ބަލީގެ ހާލަތު ގޯސްވަމުންދާތީ އެކަން ހުއްޓުވަން ހަރުކަށި ލޮކްޑައުންއަކަށް ދިއުމަށްފަހު ބަނގްލަދޭޝް ސަރުކާރުންވަނީ މިދިޔަ އީދު ބަންދާ ދިމާކޮށް ފިޔަވަޅުތަކަށް ލުއިތައް ދީފައެވެ.

އެހެން ނަމަވެސް، ބަލީގެ ހާލަތަށް ބަލައި ތަޖުރިބާކާރުން ގެންދިޔައީ ލުއިތައް ދިނުމާ ދެކޮޅަށް އިންޒާރުތައް ދެމުންނެވެ. ލުއިދީފިނަމަ ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ދެމުންގެންދިޔައެވެ.

އީދު ބަންދާ ދިމާކޮށް ބަނގްލަދޭޝް ސަރުކާރުން ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތައް ދިނީ ހަފްތާއެއްގެ މުއްދަތަށެވެ. އެއީ، ޖުލައިމަހުގެ 13 އިން ފެށިގެންނެވެ. އެއީ، އާންމު ރައްޔިތުން އީދުގެ އުފާ ފާޅުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އީދު ބަންދަށްފަހު މުޅި ބަނގްލަދޭޝް އަނެއްކާވެސްވަނީ ދެ ހަފްތާއަށް ހަރުކަށި ލޮކްޑައުންއަކަށް ގޮސްފައެވެ. އެގޮތުން، އާންމު ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް ގެނެސް، އޮފީސްތައް ބަންދުކޮށް، ފެކްޓަރީތަކާއި، ޝޮޕިންގ މޯލްތައްވެސް މިހާރުވަނީ އޮގަސްޓް 5 ގެ ނިޔަލަށް ބަންދުކޮށްފައެވެ.

ބަނގްލަދޭޝްގެ ހެލްތު މިނިސްޓަރ ޒާހިދު މާލިކް ވިދާޅުވީ، ހާލަތު މިހާރު އޮތީ ވަރަށް އުނދަގޫ ފައްތަރެއްގައި ކަމަށާއި، ބަލިމީހުން ގިނަވެ ހޮސްޕިޓަލްތަކުގެ 90 އިންސައްތަ އެނދުތައް މިހާރު ފުރިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރ މިހާރުވަނީ، ސިއްހީ ގައިޑްލައިނަށް އަމަލުކޮށް ކޮވިޑް ފެތުރުން މަޑުޖެހުމަކަށް ގެނައުމަށް އެހީތެރިވުމަށް ބަނގްލަދޭޝްގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.