ބ. ފުޅަދޫގައި މޫދަށް ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.

ފުޅަދޫ ކައުންސިލުގެ ރައީސް ވަނީ މިކަން "ވީނިއުސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެނބިފައިވަނީ އިތުރު 3 މީހަކާއެކު މޫދަށް ގޮސް އުޅުމުގެ ތެރޭގައެވެ.

މިމީހުންނަކީ ފުޅަދޫގައި ހުންނަ ގެސްޓް ހައުސްއަކަށް ޗުއްޓީ ހޭދަކުރުމަށްޓަކައި ގޮސް އުޅުނު ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް، އެއީ ކޮން ރަށެއްގެ ބައެއްކަމެއް އަދި ގެނބިގެން މަރުވި މީހާއަކީ ކޮން ރަށެއްގެ މީހެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1:20 ހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 1:30 ހާއިރުއެވެ.

ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިކަމަށް މައުލޫމާތު ލިބެއެވެ.