ސަލްމާން މިސްކިތުގެ ޑިޒައިނުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ.

ސަލްމާން މިސްކިތް އަޅާފައިވަނީ ޑިޒައިނެއް ކޮޕީ ކޮށްގެން ކަމަށް ބުނެ ދައުވާކުރާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވުމާއި ގުޅިގެން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިސްކިތުގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ސަލްމާން މިސްކިތަކީ މެލޭޝިޔާ ކުންފުނީގެ ޑިޒައިނެއް ކޮޕީ ކޮށްގެން އިމާރާތް ކޮށްފައިވާ މިސްކިތެއް ކަމަށް ބުނެ މިނިސްޓަރަށް މެލޭޝިޔާގެ ކުންފުންޏަކުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި އެކުންފުނީގެ ހައްގު ހޯދުމަށް ކޯޓަށް ދާނެކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންވެ، އެކަން ބަންޑާރަ ނައިބަށް ހުށަހަޅުއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ ބޭފުޅުން ދައުވާ ކުރަނީ އެ ކުންފުނިން ސަރުކާރާއެކީ މަޝްވަރާތަކެއް ކުރި ކަމަށް. އަދި ޑިޒައިނެއްވެސް ހުށަހެޅި ކަމަށް. ރައީސް އޮފީހުގަ އޭރުގެ ސަރުކާރުން ބައެއް ބޭފުޅުން ބައިވެރިވެގެން ނަގާފަ ހުރި ފޮޓޯތަކެއްވެސް ފޮނުވާފަ. އެ މީހުންގެ ދައުވާއަކީ އެ މީހުންނާއެކު މަސައްކަތް ކުރިއަށްގެންދަން ނިންމާފަ ކުޑަ ބަދަލެއް ޑިޒައިނަށް ގެނެސް އެހެން ބަޔަކާއެކު މަސައްކަތް ކުރިއަށްގެންދިޔަކަން. ކޮޕީ ރައިޓްސްގެ ދައުވާ އެ ކުރަނީ."
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ

ސަލްމާން މިސްކިތް އެޅުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ފުރަތަމަ ވާހަކަ ދެއްކީ މެލޭޝިޔާގެ ކުންފުންޏަކާއެވެ.

އެއީ އެންއާރްވައި އާކިޓެކްސް ކިޔާ ކުންފުންޏެކެވެ.

ނަމަވެސް ފަހުން އެމަސައްކަތް ސަރުކާރުން ހަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ.

ރާއްޖޭގެ ފަރާތުން އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒުއެވެ.

ސައުދީ ސަރުކާރުގެ ބޮޑު އެހީއެއްގެ ދަށުން އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭގޮތަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް "ކިންގް ސަލްމާން" ގެ ނަމުން ނަންދެއްވައި، މިސްކިތެއް އަޅުމުގެ މަޝްރޫއު އިފްތިތާހްކުރީ 24 ފެބްރުއަރީ 2016 ގައެވެ.