ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ދެމުންގެންދާ ވެކްސިންތަކުގެ ތެރެއިން، ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނެފައިވަނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުންގެންދާނެ ކަމަށާއި، ވެކްސިން ޖަހަމުން ގެންދާނީ ސެނަހިޔާ ވެކްސިން ސެންޓަރުގައި ކަމަށެވެ.

ވެކްސިން ޖަހައިދޭނީ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ 3 ހަފުތާ ވެފައިވާ މީހުންނަށް ކަމަށާއި، ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ފެށިގެން 11:00 އަށް ކަމަށްވެސް ބުނެފައި ވެއެވެ.

މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖަހަމުން ގެންދަނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެއާ ހަމައަށް ރާއްޖެއިން ޖުމްލަ 321،350 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 260،991 އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުން ގެންދަނީ ސިނޮފާމް ވެކްސިން އާއި ކޮވިޝީލްޑް ވެކްސިނެވެ.