ދިރާސީ އައު އަހަރު ކިޔަވާދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުން ސްކޫލަށް ހާޒިރުވާންޖެހޭ ދުވަހަކީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ގޮތުގައި ކަނޑައަޅައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ނިންމާފައޮތީ، ޓީޗަރުންނާއި މުވައްޒަފުން އަންނަ މަހުގެ 2 ވަނަ ދުވަހު ސްކޫލުތަކަށް ނިކުންނަންޖެހޭ ގޮތަށެވެ.
ނަމަވެސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިރާސީ ކަލަންޑަރުގައި ކިޔަވާދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުން (އެކަޑަމިކް ސްޓާފުން) ސްކޫލަށް ނިކުންނަންޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3 އޯގަސްޓް 2021 ހެވެ.
މިނިވަންދުވަހުގެ ބަންދާ ގުޅުވައިގެން ޖުލައިމަހުގެ 28 އަދި 29 ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަޑަމިކް ސްޓަފުންގެ އަހަރީ ޗުއްޓީއަށް 2 ދުވަސް އިތުރުކޮށް، ރަސްމީކޮށް އެ މުވައްޒަފުން ސްކޫލަށް ނިކުންނަންޖެހޭ ދުވަހަކީ 5 އޯގަސްޓް 2021 ކަމުގައި ނިންމާފައިވާކަމަށް މިނިސްޓީން ބުނެއެވެ.
އެހެންކަމުން ސްކޫލުތަކުގެ ހުރިހާ މުވައްޒަފުންވެސް މަތީން ދިރާސީ އައު އަހަރު ފެށުމުގެ ކަންކަން މިތާރީހަށް ބަލައިގެން ރޭއްވެވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިންވެސް ރާއްޖެއިން ބޭރުން ޗުއްޓީ ނިންމުމަށްފަހު އަންނަ ޓީޗަރުން 5 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭ ގޮތަށްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުން ވާކް ޕާރމިޓްގައި ރާއްޖެއަށް ދަތުރުކުރާ މީހުން ކަރަންޓީނުވުމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމާފައިވާ ގޮތުގެމަތީން ޑަބްލިޔޫއެޗްއޯއިން އެމަޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތައް، ނުވަތަ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން ފަސްދޮޅަސް ދުވަސް ރާއްޖެ އަންނަ ދުވަހާ ހަމައަށް ހަމަނުވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭ ކަމަށެވެ.
ނަމަވެސް ކޮވިޑް-19 ގެ ހާލަތު އޮތްގޮތުން މިގޮތަށް ރާއްޖެ އަންނަ ފަރާތްތައް އައިސް ކަރަންޓީނުނުވެ ސްކޫލްތަކަށް ދިއުމުގައި ހުރި ކަންބޮޑުވުންތައް ކައުންސިލް އިދާރާތަކުން ގުޅުން ހުރި އިދާރާތަކުގައި ހިއްސާ ކުރަމުން ދާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.