ޔޫރަޕުގެ ޗެމްޕިއަން ޗެލްސީ އަށް ޖަރުމަނުގެ ބަޔާން މިއުނިކުގެ ތަރި ރޮބާޓް ލެވަންޓޮސްކީ ވިއްކާލަން ނޫޅޭ ކަމަށާއި އެކަމާއި ގުޅުންހުރި އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށް ބަޔާންގެ ރައީސް ހާބާޓް ހެއިނާ ބުނެފިއެވެ.

ހެއިނާ މިހެން ބުނެފައިވަނީ ޗެލްސީން ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުންމީދީ ޒުވާން ސްޓްރައިކަރ، އާލިންގ ބްރައުޓް ހާލަންޑު ހޯދުމަށް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ނުލިބުމުން ލެވަންޑޮސްކީގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާގައި އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މުރުން 20 އަހަރުގެ ހާލަންޑް ގަތުމަށް ޗެލްސީން އެންމެ ފުރަތަމަ މަސައްކަތްކުރި ނަމަވެސް، މި ހޫނު މޫސުމުގައި ހާލަންޑް ވިއްކާނަމަ، އޭނާ ވިއްކަން ޑޯޓްމުންޑުން ކަނޑައަޅާފައިވާ އަގަކީ 180 މިލިޔަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ހާލަންޑުގެ ބަދަލުގައި އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ހޯދަން ޗެލްސީން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ލެވަންޑޮސްކީ ހޯދުމަށް ޗެލްސީން 42 މިލިއަން ޔޫރޯ ހަރަދުކުރުމަށް ތައްޔާރަށް އޮތް ކަމަށާއި ދާދި ފަހުން ޗެލްސީން ލެވަންޑޯސްކީގެ އޭޖެންޓާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅިގެން ފުޓުބޯޅަ ހަބަރުތަކަށް ހާއްސަ ބޭރުގެ މީޑިއާއަކުން ހެއިނާ އާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެންމެ ފުރަތަމަވެސް އޭނާ ބުނަން ބޭނުންވަނީ ލެވަންޑޮސްކީ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ސްޓްރައިކަރު ކަމަށާއި އޭނާވެސް އަދި ކުލަބުގެ އެހެން ވެރިންވެސް ލެވަންޑޮސްކީ އާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އަދި ލެވަންޑޮސްކީ ބަޔާން އާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި ކޮންޓްރެކްޓުގެ މުއްދަތު ހަމަވަންދެން ހަމަ ގައިމުން ލެވަންޑޮސްކީ ކުލަބުގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށްވެސް ހެއިނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ހެއިނާ ބުނީ ޗެލްސީ އަށްވެސް އަދި އިތުރު އެހެން ކުލަބަކަށްވެސް މި ދެއަހަރުގެ ތެރޭގައި ލެވަންޑޮސްކީ ވިއްކާލުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށާއި، ކޮންޓްރެކްޓުގެ މުއްދަތު ހަމަވާންވާއިރަށް އައު އެއްބަސްވުމެއް ހެދޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ޗެލްސީން ލެވަންޑޯސްކީ ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަކީ މި ވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. އެގޮތުން މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ވަނީ 41 ލަނޑު ޖަހައި، ކުރީގެ އެއްވަަނަ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ. މުލާ މި ރިކޯޑު ހަދާފައިވަނީ މީގެ 49 އަހަރު ކުރިން 1972 ވަނަ އަހަރުއެވެ. އެ ފަހަރު މުލާ 40 ލަނޑު ހަމަކުރިއިރު، އޭނާގެ ރިކޯޑު ލެވަންޑޯސްކީ މުގުރާލީ 29 މެޗުންނެވެ. މީގެ އިތުރުން ލެވަންޑޯސްކީ ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދާފައެވެ.

މީގެ ކުރިން ބޮރޫޝިއާ ޑޯޓްމުންޑަށްވެސް ކުޅުނު ލެވަންޑޯސްކީ ބަޔާނާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 329 މެޗުގައި 294 ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ލީގު ހަތް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ.