އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑްވައިރަހުގެ ޑެލްޓާ ވޭރިއެންޓް ދުނިޔޭގެ 132 ގައުމަށް ފެތުރިއްޖެއެވެ.

ޑެލްޓާ ވޭރިއެންޓަކީ ކޮވިޑްބަލި ޖައްސާ އަސްލު ވައިރަހަށްވުރެ އިންސާނުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ކޮވިޑްބަލިޖައްސާ ވޭރިއެންޓެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ދުނިޔޭގައި ކޮވިޑްޖެހުނު މީހުންގެ ނިސްބަތް މިދިޔަ ހަފްތާގައި 8 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިއާއެކު، ޑެލްޓާގެ ސަބަބުން ބަލިޖެހުނު މީހުންގެ އަދަދުވަނީ 3.8 މިލިއަނަށް އަރައިގެން ގޮސްފައެވެ.

ޑެލްޓާ ވޭރިއެންޓް މިހާރު އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާ ބައްރާއި، ހުޅަނގު ޕެސިފިކް ސަރަހައްދުގައެވެ.

އެމެރިކާ ބައްރުގައި ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަލިޖެހޭ މީހުންގެ ނިސްބަތް 30 އިންސައްތައަށް މަތިވެގެން ގޮސްފައިވާއިރު، ހުޅަނގު ޕެސިފިކް ސަރަހައްދުގައި 25 އިންސައްތައަށްވަނީ މަތިވެފައެވެ.

މިއާއެކު، ޑެލްޓާގެ ސަބަބުން ބަލިޖެހި، ބަލީގައި މަރުވާ ނިސްބަތްވެސް އެ ސަރަހައްދުތަކުގައި މަތިވެފައިވާ ކަމަށް ޑަބްލިޔޫއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޑެލްޓާގެ ސަބަބުން ކޮވިޑްޖެހޭ މީހުންގެ އަދަދުތައް މިހާރު އިތުރުވަމުންދާ ގޮތަށް އިތުރުވަމުންދާނަމަ ކުރިއަށްއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން ކޮވިޑްޖެހޭ މީހުންގެ އަދަދު 200 މިލިއަނަށްވުރެ މަތިވެގެން ހިނގައިދާނެ ކަމަށްވެސް ޑަބްލިޔޫއެޗްއޯއިން ފާހަގަކޮށްފައި ވެއެވެ.

ރީޖަންތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކޮވިޑްޖެހުނު ރޭޓު އެންމެ މަތިވެފައިވަނީ ދެކުނު އިރުމަތީ އޭޝިޔާއިންނެވެ. އެއީ، ތިނެއް އިންސައްތައިގެ މަތިވުމެކެވެ.

ކޮވިޑްބަލީގައި މަރުވި މީހުންނަށް ބަލާއިރު، ޔޫރަޕް ފިޔަވައި އެހެން ހުރިހާ ރީޖަންތަކުންވެސް މަރުވި މީހުންގެ އަދަދުތައް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޔޫރަޕުން މިދިޔަ ހަފްތާގައި މަރުވެފައިވަނީ ކުރީ ހަފްތާގައިވެސް މަރުވި އަދަދާ އެއްވަރު އަދަދެކެވެ.

ވަކި ގައުމުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެންމެ ގިނަ ބަޔަކަށް ކޮވިޑްޖެހިފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ބައިމިލިއަނަށްވުރެ ގިނަމީހުންނަށް ބަލިޖެހިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. މިއީ 131 އިންސައްތައިގެ މަތިވުމެއް ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެއެވެ.

އެމެރިކާ ފިޔަވައި، މިދިޔަ ހަފްތާގައި އަލަށް ކޮވިޑްބަލި ޖެހުނު މީހުން އިތުރުވި ގައުމުތަކުގެ ތެރޭގައި، ބްރެޒިލް، އިންޑޮނޭޝިޔާ، އިނގިރޭސިވިލާތް އަދި އިންޑިއާ ހިމެނެއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން އެންމެ ފުރަތަމަ ފެނުނު ކޮވިޑްވައިރަސް މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާއިރު، މިބަލި ޖެހުނު ކަމަށް ރެކޯޑުކުރެވުނު މީހުންގެ އަދަދު ވަނީ 194،608،040 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 4.1 މިލިއަނަށް އަރާފައެވެ.